ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަމަޟާންމަހުގެ ފަހުދިހައިގެ ހަތަރު ދުވަހެއްގައި އައިޑިކާޑު ދޫކުރުމުގެ ޚިދުމަތް ދޭނެ

ރަމަޟާންމަހުގެ ފަހުދިހައިގެ ހަތަރު ދުވަހެއްގައި އައިޑިކާޑު ދޫކުރުމުގެ ޚިދުމަތް ދޭނެ

ރަމަޟާން މަހު ފަހުދިހައިގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް 4 ދުވަހެއްގައި ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ބުނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ވަކި ގަޑިތަކަކާއި ދުވަސްތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން މި ޚިދުމަތް ދޭ ދުވަސްތަކަކީ، މާރިޗު މަހުގެ 11، 15، 17 އަދި 19 ވަނަ ދުވަސް ކަމަށެވެ.

މާރިޗު މަހުގެ 11، 15، 17 އަދި 19، މި 4 ދުވަހު ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ޑީއެންއާރުން ބުންޏެވެ. މީގެ އިތުރުން، މި ޚިދުމަތް ދިނުމަށް ވަކި އޮފީސްތަކެއް ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި މި ޚިދުމަތް ޑީއެންއާރު ހެޑް އޮފީހުން ދޭއިރު، ހުޅުމާލެ ފިޔަވަހި 1ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގއިން ޚިދުމަތް ލިބޭނެ އެވެ. އަދި  ހުޅުމާލެ ފިޔަވަހި 2ގައި އުޅޭ މީހުންނަށް ވިނަރެސް ޓަވަރ 2 އިން މި ޚިދުމަތް ލިބޭނެ އެވެ. ހަމައެއާއެކު، ވިލިމާލޭގައި ހުންނަ ޑީއެންއާރު ވިލިމާލެ އޮފީހުންވެސް މި ދުވަސްތަކުގައި ޚިދުމަތް ލިބޭނެ ކަމަށްވެސް ޑީއެންއާރުން ބުންޏެވެ.

މީގެއިތުރުން އިމަރޖެންސީ ހާލަތްތަކުގައި ޑީއެންއާރ ޑީޕާޓްމަންޓުގެ ނަންބަރު، 7280368 އަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.