ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާންގެ އިންޒާރެއް: އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ހުއްޓާނުލައިފި ނަމަ ސަރަހައްދުގެ ހުރިހާ އިގްތިސާދީ މަރުކަޒުތަކަށް ހަމަލަދޭނަން

އީރާންގެ އިންޒާރެއް: އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ހުއްޓާނުލައިފި ނަމަ ސަރަހައްދުގެ ހުރިހާ އިގްތިސާދީ މަރުކަޒުތަކަށް ހަމަލަދޭނަން

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާނަމަ، މެދުއިރުމަތީގެ ހުރިހާ އިގްތިސާދީ މަރުކަޒުތަކަކަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ.

އައިއާރުޖީސީގެ ޖެނެރަލް އިބްރާހީމް ޖައްބާރީ ވިދާޅުވީ، ދުޝްމަނުން އީރާނުގެ މައިގަނޑު މަރުކަޒުތަކަށް ހަމަލާދޭން ނިންމައިފިނަމަ، އޭގެ ބަދަލުގައި މުޅި ސަރަހައްދުގެ ހުރިހާ އިގްތިސާދީ މަރުކަޒުތަކަކަށް އީރާނުން ހަމަލާދޭނެ ކަމަށެވެ.

"އަހަރެމެން ދުޝްމަނުންނަށް މި ދެނީ އިންޒާރެއް، އަހަރެމެންގެ މައިގަނޑު މަރުކަޒުތަކަށް ހަމަލާދީފިނަމަ، ސަރަހައްދުގެ ހުރިހާ އިގްތިސާދީ މަރުކަޒުތަކަކަށް އަހަރެމެން ހަމަލާދޭނަމޭ، އެތަންތަން ގޮއްވާލާނަމޭ." ޖައްބާރީ ވިދާޅުވިއެވެ.

އީރާނުގެ އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖައްބާރީ ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ތެލުގެ އަގު ފީފާއަކަށް 80 ޑޮލަރަށް ވުރެ މަތީގައި ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު 200 ޑޮލަރަށް އުފުލިގެންދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ވިޔަފާރިކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގަކަށް ވާއިރު، ގަތަރާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ބޭރުކުރާ ގުދުރަތީ ގޭސް ވެސް އާންމުކޮށް އުފުލަނީ މި މަގުންނެވެ. ދުނިޔޭގެ ދުވަހުން ދުވަހަށް ބޭނުންކުރާ ތެލުގެ 20 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ކޮންމެ ދުވަހަކު މި ހަނި ކަނޑުއޮޅިން ދަތުރުކުރެއެވެ.

މި އިންޒާރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މީގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.