ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެއްކެއް ނެތް؛ އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ

އދ. ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިއިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ: ފޮޓޯ: ރޮއިޓާސް
އދ. ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިއިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ: ފޮޓޯ: ރޮއިޓާސް

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ރޭވުންތެރި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިޒްރޭލާއި އެމެރިކާއިން ތުހުމަތު ކުރި ނަމަވެސް، އެފަދަ ކަމެއްގެ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް އދ. ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިއިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ.

އައިއޭއީއޭގެ ޑިއިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ސިސްޓަމެޓިކް އަދި އޮނިގަނޑެއްގެ ތެރެއިން ހިންގާ ޕްރޮގްރާމެއްގެ ބައިތަކެއް އެ އެޖެންސީއަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް، ތެހެރާނުން ޔުރޭނިއަމް %60 އަށް މުއްސަނދި ކޮށްފައިވާ ކަން ގްރޮސީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މިއީ އާންމު މަދަނީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ވުރެ މާ މަތީ މިންވަރެކެވެ. ގްރޮސީ ފާހަގަކުރެއްވި ގޮތުގައި މި މިންވަރަށް ޔުރޭނިއަމް މުއްސަނދި ކުރަނީ ހަމައެކަނި ނިއުކްލިއާ ހަތިޔާރު ހުންނަ ގައުމުތަކުން ކަމަށެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ނިޔަތް އޮތް ކަމަށް އިންސްޕެކްޓަރުންނަށް ނިންމެން ނެތް ނަމަވެސް، އެ ގައުމުން ޔުރޭނިއަމް އެއްކުރަމުންދާ ދިއުމަކީ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ ކަންބޮޑުވުންތަކުގެ އަސްލު ކަމަށާއި، އެ މިންވަރަށް ތަކެތި އެއްކުރުމުގެ ސާފު މަގްސަދެއް ނެތް ކަމަށް ގްރޮސީ ވިދާޅުވިއެވެ.

ގްރޮސީ އިތުރަށް ވިދާޅުވީ، ސެންޓްރިފިއުޖްތައް މެދުނުކެނޑި އެނބުރެމުންދާ ކަމަށާއި، އޭގެ ސަބަބުން ގިނަ އަދަދަކަށް ތަކެތި އުފައްދަމުންދާ ކަމަށެވެ. ތިއަރީ ގޮތުން ބަލާއިރު މިއީ 10 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް އުފެއްދުމަށް ފުދޭ މިންވަރު ކަމަށާއި، ނަމަވެސް އީރާނުގެ އަތުގައި މިވަގުތު އެފަދަ ހަތިޔާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.