ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

222 މިލިއަން ޑޮލަރުގެ ބޭރުފައިސާގެ އާމްދަނީއާއި އެކު، ދައުލަތުގެ މާލީ ހާލަތު ރަނގަޅު

ރާއްޖޭގެ މާލީ ވުޒާރާ
ރާއްޖޭގެ މާލީ ވުޒާރާ

މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 26 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފަ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މި އަހަރުގެ 8 ވަނަ ހަފުތާގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

އެ މުއްދަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީއަށް ވަނީ 29.3 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. 2025 ވަނަ އަހަރު ލިބުނު 6.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީގެ 83 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

ޓެކުހުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 30.6 އިންސައްތައިގެ ކުރިއެރުމެކެވެ. އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 39.4 އިންސައްތަ އިތުރު އަދަދެކެވެ.

ޖުމްލަ ޖީ.އެސް.ޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 32.1 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ހަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. މިއީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރައާއި ޕެންޝަނަށް ކުރި 2.64 ބިލިއަން ރުފިޔާގެ ހަރަދާ ގުޅިގެން އައި ބަދަލެއްކަމަށް ހިސާބުތަކުން ދައްކަ އެވެ.

ދައުލަތުގެ މާލީ ހާލަތު ވަރުގަދަވުމުގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 98.2 މިލިއަން ރުފިޔާގައި ހުރި ސާޕްލަސް، މިއަހަރު ވަނީ 1.9 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރި އަދަދުވެސް ވަނީ 2.5 އިންސައްތަ އިތުރުވެ، 287.1 މިލިއަން ރުފިޔާއަށް އަރާފައެވެ. ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

މާލީ ވުޒާރާއިން ހާމަކުރިގޮތުގައި، މިއަހަރު ދައުލަތުގެ އެކައުންޓިންގ ނިޒާމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ކޮންމެ ހަފްތާއަކު ގަވާއިދުން ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓު ޝާއިޢުކުރުން ވަނީ ކޮންމެވެސް ވަރަކަށް ލަސްވެފައެވެ. މި ބަދަލުތަކުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް ދެވޭ "ސެކްޓޯރަލް ގްރާންޓް" ނިޒާމު ތަޢާރަފުކުރުން ހިމެނެއެވެ. ނަމަވެސް، އާންމުކުރެވުނު ހިސާބުތަކުން ދައްކަނީ ރާއްޖޭގެ މާލީ ހާލަތު އަންނަނީ ބޮޑުތަނުން ރަނގަޅުވަމުން ކަމަށް މާލީ ވުޒާރާއިން ބުނެ އެވެ.