ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަކި މުއްދަތެއް ނެތް ގޮތަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް!

މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، ފޮޓޯ: ރައީސް އޮފީސް
މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، ފޮޓޯ: ރައީސް އޮފީސް

ވަކި މުއްދަތެއް ނެތްގޮތަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ނިންމާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ 2026 ގެ ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން މަތީ ތައުލީމުގެ ލޯނު ފުރުސަތަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރިމަތިލާން އޮންނަ ފުރުސަތަކަށްވުމުގެ ބަދަލުގައި މުޅި އަހަރުގެ ތެރޭގައި އެ ފުރުސަތު އޮންނަ ގޮތަށް ލޯނު ސްކީމު ބަދަލުކުރަން ނިންމަވާަފައިވާކަމަށެވެ.

ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަަކުގެ ފެންވަރު ރަނގަޅުކުރުމަށް މި އަހަރުން ފެށިގެން ދަރިވަރުންގެ ލޯނު ސްކީމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައިވާކަން ފާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރުވެސް ލޯނު ސްކީމަށް ހެޔޮ ބަދަލެއް ސަރުކާރުންވަނީ ގެންނަވާފައިކަމަށެވެ.


ދަރިވަރުންނަށް ދޫކޮށްފައިވާ ހުރިހާ ލޯނުތަކާއި ކުރިއަށް އޮތް ތަނުގައި ދޫކުރާ ހުރިހާ ލޯނަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން މިހާރު ލޯނު އަނބުރާ ދައްކާއިރު އެއްވެސް ސާވިސް ޗާޖެއް ނުނަގާ ގޮތަށް އެ ވުޒާރާއިންވަނީ ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މިއީ މިދިޔަ އަހަރުން ފެށިގެން އެ ވުޒާރާއިން އަމަލުކުރަމުން އަންނަ އުސޫލް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"މިފަހަރު އަލަށް  ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވަައި މުޅި އަހަރަށް ލޯނަށް ހުށަހެޅުމުގެ ފުރުސަަތު ހުޅުވާލާފައި އޮންނާނެ. މިހާތަނަށް ލޯނަށް އެދުމަށް ވަކި މުއްދަތެއް ކަނޑައަޅާފަައި އޮތުމުން އެ މުއްދަތުގެ ތެރޭގައި ލޯނަށް އެދުމަށް ދަރިވަރުންނަށް ދަތިވޭ. އަދި ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ގޮތް ދިމާވެފައިވާކަން ފާހަގަކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ބަދަލާއެކު ލޯނަށް އެދެންވާނީ ކިޔަވަންދާން ތައްޔާރުވެގެން ކަމަށާއި އެގޮތުން ލޯނު ހޯދަން އެދޭއިރު މިހާރު ޕްލޭސްމެންޓާއި އެމްކިއުއޭއިން ހޯދަންޖެހޭ ލިޔުންތަކާއި ފީ ސްޓްރަކްޗާއެއްވެސް ހޯދަންޖެހޭނެ ކަމުގަ އެވެ. އަދި އެމްކިއުއޭގެ ލިޔުން ހޯދަނީ ދަރިވަރު ފުރިހަމަކުރަން ބޭނުންވާ ޕްރޮގުރާމަކީ އެމްކިއުއޭގެ މިންގަނޑުތަކަށް ފެތޭ ޕްރޮގުރާމެއްކަން ކުރިއާލައި ކަށަވަރުކުރުމަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރަށް ކިޔަވާ ދާއިރާއަކީ މަސައްކަތްކުރުމަށް ރެގިއުލޭޓަރީ އިދާރާއަކުން ލައިސެންސެއް ނުވަތަ ހުއްދައެއް ހޯދަންޖެހޭ ދާއިރާއެއް ކަމަށްވާނަމަ ލޯނަށް އެދޭއިރު ދަރިވަރުން ކިޔަވަންދާ ޕްރޮގުރާމަކީ އެ ރެގިއުލޭޓަރީ އިދާރާއަކުން ގަބޫލުކުރާ ކޯހެއް ނުވަތަ ޕްރޮގުރާމެއްކަން އެނގޭނެ ލިޔުމެއްވެސް ހުށަހެޅުން ލާޒިމުވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފެށޭ ބަންދުތައް ނިމުމަށްފަހު ޖެހިގެން އަންނަ ހަފުތާގައި ލޯނު ސްކީމު ހުޅުވައިލެއްވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ. ވަޒީރުވަނީ އޭނާ ފާހަގަކުރެއްވީ ހުރިހާ ލިޔުމެއް ތައްޔާރުކޮށް ހުށަހެޅުމުން ކުރީ އަހަރުތަކަށްވުރެ އަވަހަށް ލޯނު ހަމަޖެހި ފައިސާ ދަރިވަރަށް ލިބެން ފަށާނެ ކަމެވެ.