ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާރްއެސްޑަބްލިއު ޕްރޮގުރާމްގެ ދަށުން 45 އޮޑިއަކަށްް 51 މިލިއަން ރުފިޔާ ދޫކޮށްފި

އާރްއެސްޑަބްލިއު ޕްރޮގުރާމްގެ ދަށުން 45 އޮޑިއަކަށްް 51 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސަައްކަތްތަކުގެ ތެރެއިން މިހާތަނަށް 45 ދޯންޏަކަށް ޖުމްލަ 51 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވުމަށް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގުރާމަކީ ސަރުކާރަކުން މަސްވެރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށެވެ. އެ ޕްރޮގުރާމަކީ މަސްވެރި އޮޑިފަހަރުގައި ލޮނުފެން ގަނޑުކުރާ ނިޒާމެއް ގާއިމުކޮށްދިނުމަށް ހިންގާ ޕްރޮގުރާމެކެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް އެ ޕްރޮގުރާމަށް ޖުމްލަ 90 ފަރާތަކުން ކުރިމަތިލާފައިވާއިރު އެއިން 45 ފަރާތެއްގެ އެޕްލިކޭޝަން ބަލައިގަނެ އެ ފަރާތްތަކަށް ލޯނު ހަމަޖައްސައި ޖުމްލަ 51 މިލިއަން ރުފިޔާ ދޫކޮށްފަައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިޔަގީން އާރްއެސްޑަބްލިއު މި ސިސްޓަމް ދޯނިފަހަރުގައި ގާއިމުކުރެވުނީމާ އެއިރުން ދެން ނުޖެހޭނެ ރަށްރަށުގައި ގާއިމުކުރެވިފައި މިހުރި އައިސްޕްލާންޓުތަކަށް ދުއްވާކަށް. އެހެންކަމަށްވެއްޖެނަމަ މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް، އެ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ،" ޝިޔާމު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ފާހަގަކުރެއްވީ މިހާރު ހިންގަމުންދާ ސްކީމުގެ އިތުރަށް އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރުމުގެ އިތުރު އައު ސްކީމެއް ރައީސް އިއުލާނުކުރައްވާފަައިވާއިރު، އެ ސްކީމުގެ ދަށުން ފައިސާ ދޫކޮށް ނިމޭއިރު މިހާރު އޮތް މަސްވެރި ފްލީޓުގައި އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރަން ބޭނުންވާ ކޮންމެ އޮޑިއެއްގައިވެސް އެ ނިޒާމު ގާއިމުކުރެވިގެންދާނެ ކަމެވެ.

"މަސްވެރިންނަށް އާމްދަނީ ހޯދަން ލިބޭ ވަގުތު އިތުރުވެ ދުއްވަންޖެހޭ ޖެހުން އެއްކޮށްހެން މަދުވީ. އައިސް ކިއުތައް ދިގުވެގެން ދެތިން ދުވަސް މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެވުނީ. މަސްވެރިޔާގެ ޖީބަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމެއް މިއީ.،" ވަޒީރު ވިދާޅުވިއެވެ.

މިސްކީމުގެ އިތުރަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށް މަހާ މަންފާ ސްކީމާއި ކަނޑުފަޅު ނަފާ ސްކީމު ފަދަ ސްކީމުތައް ކުރިއަށްގެންދާކަން ވަޒީރު ވިދާޅުވިއެވެ. މިސްކީމުތަކަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް ސަރުކާރުންދޭ އެހީއެއްކަން ޝިޔާމު ފާހަގަކުރެއްވިއެވެ.