މިހާތަނަށް ސަރުކާރުުން 31 ތަނެއް ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފި
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ފަތުރުވެރިކަމަށް 31 ތަނެއް ކުއްޔަށް ދޫކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
މުޅި ރާއްޖެ ޝާމިލްވާގޮތަށް ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރިސޯޓް މަދު 6 އަތޮޅަކަށް އަމާޒުކޮށްގެން ފަތުރުވެރިކަން ފުޅާކުރުމަށް ލުއިތަކެއް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ފަތުރުވެރިކަމަށް ދެއްވި ލުއިތަކުގެ ތެރޭގައި ލީޒް އެކުއިޒިޝަން ރޭޓް ކުޑަކުރުމާއި، ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވުމުން، މި މުއްދަތުގެ ތެރޭގައި ކުލި ދެއްކުން ފަސްކުރުމުގެ އިޙްތިޔާރު ލިބުން ހިމެނޭކަމަށެވެ. އަދި ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާއި ހަމައަށް ޑިއުޓީ މައާފްވެގެންދިއުންވެސް ހިމެނޭކަމަށެވެ.
Ads by BMLއާންމުކޮށް ހުޅުވާލެވޭ ބީލަމުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަނުގެ ލީސް އެކުއިޒިޝަން ކޮސްޓް ބަހާލައިގެން ދެއްކޭނެ އިންތިޒާމްވެސް ވަނީ ގާއިމްކޮށްފައެވެ. މި ލުއިތަކާއެކު ފުރަތަމަ އިއުލާންގައިވާ 16 ޕްރޮޖެކްޓްގެ ތެރެއިން ބިޑް ހުށައަޅާފައިވަނީ 3 ރަށަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މީގެތެރެއިން 2 ރަށުގެ ކުލީގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކްލޯޒް ބިޑިން، ކްރޮސް ސަބްސިޑީ އަދި އޯޕަން ބިޑިންގެ ދަށުން ރަށްތައް ފަތުރުވެރިކަމަށް ދޫކޮށްފައިވާކަމަށެވެ. އެގޮތުން 31 ތަނެއް ކުއްޔަށް ދޫކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރު ހަވާލުވުމަށްފަހު ކްލޯޒް ބިޑިންގެ ދަށުން ފަތުރުވެރިކަމަށް 16 ތަނެއް މިހާރު ވަނީ ކުއްޔަށް ދޫކުރެވިފައި. ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް 11 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި. އޯޕަން ބިޑިންގެ ދަށުން 4 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
Ads by MACL
