ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަބްރާރު ގުރޫޕުން އުމްރާއަށް ނުގެންދިޔަ 28 މީހަކު ޙައްޖު ކޯޕަރޭޝަނުން ޢުމްރާއަށް ފޮނުވައިފި

އަބްރާރު ގުރޫޕުން އުމްރާއަށް ނުގެންދިޔަ 28 މީހަކު ޙައްޖު ކޯޕަރޭޝަނުން ޢުމްރާއަށް ފޮނުވައިފި

އަމިއްލަ ޢުމްރާ ގްރޫޕެއް ކަމަށްވާ އަލް އަބްރާރު ގުރޫޕުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ގެންގޮސްފައިނުވާތީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އޭގެ ތެރެއިން 28 މީހަކު ޢުމްރާއަށް ފޮނުވައިފިއެވެ.

އަބްރާރު ޢުމްރާ ގްރޫޕުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ގެންގޮސްފައިނުވާ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ މިހާރު ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އުމްރާއަށް ދިއުމަށް އެ ގުރޫޕަށް ފައިސާ ދެއްކި  110 މީހަކަށް އުމްރާ އަށް ނުފުރުނު މައްސަލައެއް ފެންމަތިވީ ރޭގަ އެވެ. އެ މައްސަލާގައި ބަޔަކު ވަނީ އެ ޖަމާއަތުގެ އޮފީސް ހުންނަ ސަރަހައްދަށް ރޭ އެއްވެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭގެ ތެރެއިން ގިނަ ބަޔަކު އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް އެދުނުކަމަށެވެ.

އަދި އެ ކޯޕަރޭޝަންގައި ޖާގަ އޮތް މިންވަރުން 28 މީހުންނަށް ވިސާ ޖަހައި މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އެ 28 މީހުން މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން ސައުދީ ޢަރަބިއްޔާއަށް ޢުމްރާގެ އަޅުކަމަށް ފުރާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ އެހެން ގުރޫޕްތަކުގައި އުމްރާގެ އަޅުކަމަށް ގޮސް ރާއްޖެ ނާދެވި ތާށިވުމުން އެމީހުންނަށް ދިމާވި ދަތިތަކަށްވެސް ހައްލުގެނެސްދީފައެވެ.

މިއަހަރުގެ ރަމަޟާންމަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 553 މީހަކު ޢުމްރާގެ އަޅުކަމަށް މިހާރު ތިބީ ސަޢުދީ އަރަބިއްޔާގައެވެ. އަދި މިއަދު ފުރި 28 މީހުންނާއެކު ޖުމުލަ 581 މީހަކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ގޮސްފައެވެ.