އަހަރެމެންގެ ހުރިހާ އަސްކަރީ ބޭސްތަކާއި ބަނދަރުތައް އީރާނުން ފުނޑާލައިފި: ކާނަލް ޑަގްލަސް މެކްގްރެގަރ
އެމެރިކާގެ އަސްކަރީ ބޭސްތަކާއި ބަނދަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ ކާނަލް ޑަގްލަސް މެކްގްރެގަރ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މެކްގްރެގަރ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ޗައިނާ އާއި ރަޝިޔާގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.
"ޗައިނާ އާއި ރަޝިޔާއިން ދަނީ ސެޓެލައިޓް އިންޓެލިޖެންސް އީރާނަށް ފޯރުކޮށްދެމުން. އަހަރެމެންގެ ހުރިހާ ބޭސްތަކެއް ވަނީ ހަލާކުވެފައި. އަހަރެމެންގެ ބަނދަރުތައް ވެސް ވަނީ ސުންނާފަތިވެފައި،"
މި ހާލަތުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް މަޖުބޫރުވެފައިވަނީ އިންޑިއާގެ ބަނދަރުތަކަށް ބަރޯސާވުމަށް ކަމަށް މެކްގްރެގަރ ވިދާޅުވިއެވެ. ނަމަވެސް މިއީ އެންމެ އެކަށީގެންވާ ނުވަތަ އެންމެ ރަނގަޅު ގޮތް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލަކީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރީ ގާބިލުކަމާ މެދު ވާހަކަދައްކަވަމުން މެކްގްރެގަރ ވިދާޅުވީ، އެމެރިކާއިން އުންމީދުކުރި ގޮތާ ހިލާފަށް އީރާނުން ދަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަރަމުންނެވެ.
"އަހަރެމެން މާޔޫސްވާ ފަދަ ގޮތަކަށް، އީރާނުން ދަނީ ވަރަށް ރަނގަޅަށް ކަންކަން ކުރަމުން. އެމީހުންގެ މަސައްކަތް އެމީހުން އެބަ ކާމިޔުާބު ކުރޭ."
ކުރީގެ ކާނަލް މެކްގްރެގަރގެ މި ވާހަކަތަކަކީ ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވަމުންދާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ދެއްކެވި ވާހަކަތަކެކެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
