ފިތުރު ޢީދު ދުވަހު ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަނީ
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް އޮތް ފިތުރު ޢީދު ދުވަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ. ވަޒީރު ވިދާޅުވީ، މި ޚިދުމަތް ފެށުމަށް ބޭނުންވާ ޓެކްސީތައް މިހާރު ރައްޖެ ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީލައިން ޤާއިމްކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިއީ، ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމަށާއި، ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފް ކުރާ ޚިދުމަތެކެވެ.
މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލު ނޫސްވެރިންނާއި ހިއްސާކުރުމަށް މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުން ލަސްވެގެން ދިޔަައީ ޓެކްސީތަކަށް ބަދަލުތަކެއް ގެންނަން ޖެހިގެން ކަމަށެވެ.
Ads by BMLމިއީ ރާއްޖޭގައި މި ޚިދުމަތް ދޭން ޖެހެނީ މޫދާއި ވަރަށް ކައިރީގައި ކަމުން އެކަމަށްޓަކައި ގެންނަން ޖެހުނު ބަދަލެއް ކަމުގައި ވިދާޅުވި އެވެ.
ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިން މޮޑެލެއްގެ ކާރުތަކެވެ. އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ގެންނަނީ ތައިލެންޑުންނެވެ. އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިންނެވެ. މިނިސްޓަރު ވިދާޅުވީ ކާރުތައް ރާއްޖެ ގެންނާނީ ދެ ބެޗަކަށް ކަމަށެވެ.
އޭގެ ތެރެއިން އެއް ބެޗުގެ ކާރުތައް މިއަދު ލަންކާ ޕޯޓަށް ވަންނާނެ ކަމަށާ އެ ބެޗުގެ ކާރުތައް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި އަނެއް ބެޗުގެ ކާރުތައް ގެނެވޭނެ ތާރީޚެއް އަންނަ ހުކުރު ދުވަހު ޔަޤީންކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޙިދުމަތް އިފްތިތާހުކޮށް ލިމިޑެޓް ޚިދުމަތްތަކެއް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ ޢީދު ދުވަހަށް އެ ޚިދުމަތް ފެށުން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މިހާރު މިއޮތް ތާވަލާއި އެއްގޮތަށް މިކަން ކުރެވޭތޯ," މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ޕްލޭން ކޮށްފައި އޮތީ ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ޚިދުމަތް ފެށުމެވެ.
އެމްޓީސީސީއިން ޓެކްސީ ލައިންގެ ޚިދުމަތަށް ނަގަނީ 407 ޑްރައިވަރުންނެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހަމަޖައްސާނީ ފުލްޓައިމްކޮށެވެ. އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ކަމަށެވެ.
ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
Ads by MACL
