ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި
ދުނިޔޭގެ ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ މައި އިދާރާ، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
ބަދަލުތައް ގެނައުމަށް މިހާރު ފާސްކޮށްފައިވާއިރު، މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖޫން 2026 އިން ފެށިގެންނެވެ.
މި ނިންމުމާއެކު، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައާއި 2026/27 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މި އާ ގަވާއިދުތައް ފެނިގެންދާނެއެވެ. މި ބަދަލުތަކުގެ ތެރޭގައި ކޯނަރުތަކާއި ދެވަނަ ރީނދޫ ކާޑު ދައްކާ ހާލަތްތަކުގައި ވީއޭއާރު ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން މެޗުގެ ވަގުތު ބޭކާރުވުން ހުއްޓުވުމަށްޓަކައި އާ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކުޅުމުގެ ތެރެއިން ބޯޅަ ބޭރަށް ދާ ހާލަތްތަކުގައި ލިބޭ އެއްލުންތަކާއި ގޯލް ކުރިމަތިން ލިބޭ ޖެހުމަށް 5 ސިކުންތުގެ ކައުންޓްޑައުން އެއް ބޭނުންކުރަން ފަށަން ވަނީ ނިންމާފަ އެވެ. އަދި ކުޅުންތެރިން ބަދަލުކުރާ ވަގުތު 10 ސިކުންތަށްވުރެ އިތުރުނުވާނެހެން ކައުންޓްޑައުންއެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
އައިއެފްއޭބީ އިން އިތުރަށް ނިންމާފައިވަނީ އާސެނަލްގެ ކުރީގެ ކޯޗު އާސީން ވެންގާ ހުށަހަޅާފައިވާ "ޑޭލައިޓް" އޮފްސައިޑް ގަވާއިދު ޓެސްޓު ކުރުމަށެވެ. މި ގަވާއިދު ޓްރަޔަލްއެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުން ފެށިގެން ކެނެޑާގައި ބޭނުންކުރަން ފަށާނެއެވެ. މި ބަދަލުތަކަކީ ފުޓްބޯޅައިގެ ފޯރި އިތުރުކޮށް، ކުޅިވަރުގެ އިންސާފުވެރިކަން ދެމެހެއްޓުމަށް ގެނެވޭ ބަދަލުތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.
Ads by MACL
