އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު 1،045 އަށް
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކަށް ފަސް ދުވަސް ވެފައިވާއިރު، މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރާފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މި ހަމަލާތަކާއެކު މުޅި ސަރަހައްދަށް ބޮޑު ހަނގުރާމައެއް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އީރާނުގެ އިންޓަރނެޓްގެ ހިދުމަތް މިހާރު ވަނީ މުޅިން ކަހަލަ ގޮތަކަށް މެދުކެނޑިފައެވެ. އިންޓަރނެޓް މޮނިޓަރ ކުރާ ނެޓްބްލޮކްސް ގްރޫޕުން ބުނި ގޮތުގައި، ވޭތުވެދިޔަ 100 ގަޑިއިރު އީރާނު އޮތީ ދުނިޔެއާ އެކަހެރިވެފައެވެ.
އިރާނުގެ އިންޓަރނެޓްގެ ހިދުމަތް މިހާރު ހުރީ އާންމު ހާލަތަށްވުރެ 1 އިންސައްތަ ދަށުގައި ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. މީގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ސައްހަ މައުލޫމާތު ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
Ads by BMLއިޒްރޭލުގެ ވެރިން ބުނަނީ މިއީ އީރާނުގެ ލީޑަރޝިޕް ނައްތާލުމަށް ކުރާ ހަނގުރާމައެއް ކަމަށެވެ. އަދި އީރާނުގެ ސަރުކާރު ބަދަލުކޮށް، އާ ސުޕްރީމް ލީޑަރަކު އައްޔަންކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. އަސްކަރީ މާހިރުން ލަފާކުރާ ގޮތުގައި މި ހަމަލާތައް ކުރިއަށް އޮތް ދެ ހަފްތާއަށް ދެމިގެންދާނެއެވެ.
މި ހަނގުރާމައިގެ އަސަރު މިހާރު ވަނީ އީރާނުގެ ބޯޑަރުން ބޭރަށްވެސް ފޯރާފައެވެ. ތުރުކީން ބުނި ގޮތުގައި އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ނޭޓޯގެ ޑިފެންސް ސިސްޓަމުން ވަނީ މެޑިޓަރޭނިއަން ކަނޑުމަތިން ވައްޓާލާފައެވެ. މީގެ އިތުރުން ސީރިއާ އާއި ލުބުނާން ގުޅޭ ބޯޑަރުވެސް އިސްރާއީލުގެ އިންޒާރުތަކާ ގުޅިގެން މިހާރު ވަނީ ބަންދުކޮށްފައެވެ.
އީރާނުން ވަނީ މި ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލާ ބައިވެރިނުވުމަށް ޔޫރަޕްގެ ގައުމުތަކަށް އިންޒާރު ދީފައެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި މިކަމުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ. ހަމައެއާއެކު، ގަލްފުގެ ގައުމުތަކުން ވެސް ދަނީ އެގައުމުތަކަށް އަމާޒުވާ މިސައިލްތަކާއި ޑްރޯން ހަމަލާތައް ހުއްޓުވަމުންނެވެ.
Ads by MACL
