ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޕެއިނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރަމްޕް ދިން އިންޒާރުތަކުގެ މައްސަލަ އީޔޫ އިން ބަލަނީ

ސްޕެއިނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރަމްޕް ދިން އިންޒާރުތަކުގެ މައްސަލަ އީޔޫ އިން ބަލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޕެއިނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިން އިންޒާރުތަކާ ގުޅިގެން، ވިލާތުގެ އިއްތިހާދު (އީޔޫ) ގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުދަ ދުވަހު ބުނެފިއެވެ.

އީޔޫ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްތިހާދުގެ މެންބަރު ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ބޭނުންވެއްޖެ ހިނދެއްގައި އަމަލީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި އީރާނަށް ހަމަލަދިނުމަށް ޔޫރަޕްގެ ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ހޯދަން ޓްރަމަޕް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓްރަމްޕް ވަނީ ސްޕެއިންގެ އަސްކަރީ މަރިކަޒުތައް  ބޭނުން ކުރުމުގެ ހުއްދައަށް އެދިފަ އެވެ. އެހެން ނަމަވެސް ސްޕެއިނުން ވަނީ އެ ގައުމު އެ ހަނގުރަމާއި ދެކޮޅުކަން ހާމަކޮށް ޓްރަމްޕްގެ އެ ހުށަހެޅުމަށް އިންކާރު ކޮށްފަ އެވެ.

މިހާހިސާބުން މި މައްސަލަ އުފެދި ޓްރަމްޕް ވަނީ ސްޕެއިނުން އެމެރިކާގެ ސަލާމަތީ އިސްކަންދޭ ކަންކަމަށް ހުރަސްއަޅާ ކަމަށް ތުހުމަތުކުރައްވައި، ސްޕެއިނާއެކު އޮތް ހުރިހާ ވިޔަފާރީގެ ގުޅުމެއް ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"އަހަރެމެން ސްޕެއިނާއެކު އޮތް ހުރިހާ ވިޔަފާރިއެއް ހުއްޓާލާނަން. ސްޕެއިނާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަށް ރައްދު ދެއްވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، މިއީ ވަކި ބައެއްގެ ކޮޅުގަތުމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސުލްހައަށް ތާއީދުކުރުމުގެ މައްސަލައެއް ކަމަށެވެ. އަދި ބަދަލުހިފުމުގެ ބިރުވެރިކަމަށްޓަކައި ދުނިޔެއަށް ނުރައްކާވެދާނެ ކަމެއްގައި ބައިވެރިވާން ބޭނުންފުޅު ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަންޗޭޒް ވަނީ އީރާނާއި އިސްރާއީލުން މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައި، 2003 ވަނަ އަހަރު އިރާގަށް އެރި އެރުމަކީ ވިލާތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކަމަށް ސިފަކުރައްވާފައެވެ.

އީޔޫ ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވެސް ވަނީ ސްޕެއިނާއެކު އޮތް ސާބިތުކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ އީޔޫގެ މެންބަރު ގައުމުތަކުގެ މަސްލަހަތު ފުރިހަމައަށް ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، ބްރަސަލްސް އާއި ވޮޝިންގޓަނާ ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް އީޔޫއިން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.

މި ހަމަނުޖެހުންތައް ކުރިއަށްދާއިރު، އީރާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,045 އަށް އަރާފައެވެ. އަދި އިސްރާއީލުގެ އިގްތިސާދަށްވެސް މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި، ހަފްތާއަކު 2.9 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިދާނެ ކަމަށް އެ ގައުމުގެ ފައިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.