ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލުން ކާމިޔާބު ހަމަލާއެއް ދީފި ކަމަށް ބުނިއިރު، ފަހުން އެނގުނީ ހަމަލާ ދެވުނީ ތްރީޑި ކުރެހުމަކަށްކަން!

އިސްރާއީލް އިން ހަމަލާދިން ކަމަށް ބުނާ ތްރީޑީ ކުރެހުން
އިސްރާއީލް އިން ހަމަލާދިން ކަމަށް ބުނާ ތްރީޑީ ކުރެހުން

އިސްރާއީލު އަސްކަރިއްޔާއިން އިރާނުގެ އަސްކަރީ ހެލިކޮޕްޓަރަކަށް ކާމިޔާބު ހަމަލާއެއް ދިން ކަމަށްބުނި ނަމަވެސް އެއީ ރަންވޭގައި ކުރަހާފައިވާ ތްރީޑީ ކުރެހުމަކަށް ދިން ހަމަލާއެއްކަން ފަޅާ އަރައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން "އީރާނުގެ ހެލިކޮޕްޓަރަކަށް" އަމާޒުކޮށް ކާމިޔާބު ހަމަލާއެއް ދީފައިވާ ކަމަށް ދޭހަވާ ފަދަ ވީޑިއޯއެއް އާންމުކުރި ނަމަވެސް، އެ ހަމަލާއަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއަށް ވެއްޓިގެން ދިން ހަމަލާއެއްކަން މިހާރު ވަނީ ފަޅާއަރާފައެވެ.

ފަހުން ހާމަވި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، އިސްރާއީލުގެ އަގުބޮޑު މިސައިލް އަމާޒުވެފައިވަނީ އަސްލު ހެލިކޮޕްޓަރަކަށް ނޫނެވެ.

އެއީ ވައިގެ މަގުން ބަލާއިރު އަސްލު އެއްޗަކާ ވައްތަރުވާނޭހެން، ދުޝްމަނުން އޮޅުވާލުމަށްޓަކައި ބިމުގައި ކުރަހާފައިވާ ތުރީ-ޑީ (3D) ކުރެހުމެކެވެ.
މިކަން ހާމަވީ އާންމުކުރި ވީޑިއޯ ފުޓޭޖް ދިރާސާކުރުމުންނެވެ. އެގޮތުން، ބާރުގަދަ މިސައިލް ހަމަލާއެއް އެތަނަށް އެރި ނަމަވެސް، ފެންނަން އޮތް ހެލިކޮޕްޓަރުގެ ބުރަފައްޗަށާއި ބޭރުގެ ބަޔަކަށް އެއްވެސް ކަހަލަ ގުޑުމެއް ނުވަތަ ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ހަމަލާގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާއަށް ވަނީ ވަރަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

އެއީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި، ފަހުގެ ޓެކްނޮލޮޖީގެ މިސައިލެއް، އެއްވެސް އަސްކަރީ ފައިދާއެއް ނެތް، ހަމައެކަނި ބިމުގައި ކުރަހާފައިވާ ކުރެހުމަކަށް އަމާޒުވެ ބޭކާރުވެގެން ދިއުމުންނެވެ.
މި ހާދިސާއިން ދޭހަވަނީ، ޒަމާނީ ހަނގުރާމަތަކުގައި ހަމައެކަނި ހަތިޔާރުގެ ބާރުވެރިކަމަށްވުރެ ބޮޑަށް، އޮޅުވާލުމާއި މަކަރުވެރި ރޭވުންތަކުގެ ބޭނުން ހިފައިގެން ދުޝްމަނުންގެ ވަސީލަތްތައް ބޭކާރުކޮށްލުމަށް ކުރާ މަސައްކަތްތައް ވަރުގަދަވަމުންދާ ކަމެވެ.

އިސްރާއީލުގެ ޖާސޫސީ އަދި އަސްކަރީ ޓެކްނޮލޮޖީއަށް މިއީ ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.