ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަމަނުޖެހުންތަކާ ގުޅިގެން އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން
އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އަންނަ ހަފުތާގައި އެ ސަރަހައްދުގައި ކުޅުމަށް ހަމަޖެހިފައިވާ އޭޝިއާގެ ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ދަތުރުފަތުރުގެ މަރުކަޒުތަކަށް ބުރޫއަރައި، ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކެންސަލް ކުރަން ވަނީ މަޖުބޫރުވެފައެވެ.

އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުޅުމަށް ތާވަލުކޮށްފައިވާ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓް، ޗެމްޕިއަންސް ލީގު ޓޫ އަދި ތިންވަނަ ފަންތީގެ ޗެލެންޖް ލީގުގެ ވެސްޓަން ރީޖަންގެ މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އޭއެފްސީން ވަނީ މި ހަފުތާގައި މެދުއިރުމަތީގައި ކުޅުމަށް ހަމަޖެހިފައި އޮތް އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ގަދަ 16 ގެ މެޗުތައް ވެސް ފަސްކޮށްފައެވެ. އެއީ އީރާނުން އެގައުމުގެ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމާއި، ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން އެގައުމުގައި ކުޅޭ ހުރިހާ މެޗުތަކެއް މެދުކަނޑާލުމާ ގުޅިގެންނެވެ.

އޭއެފްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އޭއެފްސީގެ އެންމެ އިސް އިސްކަމެއް ދެނީ ކުޅުންތެރިންނާއި، ޓީމުތަކާއި، އޮފިޝަލުންނާއި، ޕާޓްނަރުން އަދި ސަޕޯޓަރުން ހިމެނޭހެން ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގައި އެ އިދާރާ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.