ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރަމްޕްގެ އިންޒާރާއި ގުޅިގެން ސްޕެއިން ވެސް ވޯލްޑް ކަޕުން ވަކިވަނީ

ޓްރަމްޕްގެ އިންޒާރާއި ގުޅިގެން ސްޕެއިން ވެސް ވޯލްޑް ކަޕުން ވަކިވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޕެއިންއާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން އިތުރުވެ، މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުން ވަކިވުމަށް ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުން ވިސްނަމުންދާ ކަމުގެ ރިޕޯޓުތައް ފެތުރެން ފަށައިފިއެވެ.

މި ނުތަނަވަސްކަން އުފެދުނީ އީރާނުގެ މައްސަލައާ ގުޅިގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ މެޑްރިޑުން ނުދިނުމާ ގުޅިގެންނެވެ. މިކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ޓްރަމްޕް ވަނީ ފާޅުގައި ސްޕެއިންއަށް ފާޑުވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސްޕެއިންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި ސްޕެއިންއާ އެކު ކުރާ ހުރިހާ ވިޔަފާރިއެއް ހުއްޓާލާނެ ކަމަށާއި ސްޕެއިންއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫން ކަމަށް ޓަރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ސްޕެއިންގެ އަތުގައި އެމެރިކާއަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް ސްޕެއިންގެ ރައްޔިތުންނަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ. މި ބަސްމަގުގެ ސަބަބުން ދެ ގައުމުގެ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި ސިޔާސީ މައްސަލަތަކާ ގުޅިގެން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން މިހާރު ދަނީ އެ ގައުމަށް އޮތް ފުރުސަތުތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މީގެ ތެރޭގައި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުން ވަކިވުން ހިމެނޭ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް، މިހާތަނަށް ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.