ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑީސީޕީ ފަރުހާދުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތެއް ނުވި

ޑީސީޕީ ފަރުހާދުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތެއް ނުވި

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވުނު ސީރިއަސް ތުހުމަތުތަކެއް ސާބިތުނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުންގެ އިސް 11 އޮފިސަރަކު ފޮނުވި ސިޓީއެއްގައި ފަރުހާދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ ދަރިފުޅަށް ތުހުމަތުކުރެވުނު ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލުމަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތާއި، މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ދަރިފުޅު ސަލާމަތްކޮށް، ޓޯކޮށްފައި ހުރި ސައިކަލެއް ގަވައިދާ ހިލާފަށް ނެރުނު ކަމުގެ ތުހުމަތު ހިމެނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، ކަމާބެހޭ މުއައްސަސާތަކުން އެ މައްސަލަތައް ބަލާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މުއައްސަސާއަކުން ފަރުހާދާ މެދު ފިޔަވަޅެއް އެޅުމަށް އަންގާފައި ނުވާ ކަމަށެވެ.

"މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ނުޖެހޭ ފަރާތެއްނަމަ ބޭއިންސާފުން، ނާއިންސާފުން ފިޔަވަޅެއް ނޭޅޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފަރުހާދު ފިކުރީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ސީޕީ އިސްމާއިލް ނަވީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ފަރުހާދަކީ މީގެ ކުރިން ޕޮލިސް ބޯޑުން މަގާމުން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ހިމެނުނު ބޭފުޅެއް ނަމަވެސް، އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މައްސަލަތައް ބަލައި ނިމުނުއިރު ފަރުހާދުގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައި ނުވާތީ، އޭނާއާ މެދު އިތުރު ފިޔަވަޅެއް އަޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.