ޤައުމީ ޞިއްޙީ ލެބޯޓަރީ: އެމްއެފްޑީއޭގެ ޚިދުމަތް ހަރުދަނާ ކުރުމަށް ހިންގޭ މުހިންމު މަޝްރޫއެއް
ޤައުމީ ޞިއްޙީ ލެބޯޓަރީ ވެގެންދާނީ މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހިންގޭ މުހިއްމު މަޝްރޫޢަކަށްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްއެފްޑީއޭގެ މަސައްކަތްތަކާއި ޞިއްޙީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ އެމްއެފްޑީއޭއަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ޤައުމީ ޞިއްޙީ ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ. މިއީ މިނިޒާމަށް ކުރިއަތް އޮތް ދެއަހަރު ބަދަލެއް ގެނުވާނެ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ޤައުމީ ޞިއްޙީ ލެބޯޓަރީ ހިނގަމުންދާ އިމާރާތުގެ ޖާގަ ކުޑަކަމާއި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރު ލެބޯޓްރީ ހިންގާ އެ އިމާރާތަކީ ޖާގަ ކުޑަވެފައި ބޭނުންވާ ވަސީލަތްތައްވެސް ޤާއިމްކުރުމަށް ދަތިކަން ދިމާވެފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން މި ގޮންޖެހުންތަކުން އަރައިގަނެ ހައްލު ހޯދުމަށްޓަކައި ޤައުމީ ލެބޯޓަރީ އިމާރާތްކުރުމަށް ބޭނުންވާ މަސައްކަތް ސަރުކާރާއި ޔޫރަޕިއަން އިންވެސްޓުމަންޓު ބޭންކުގެ ލޯނު އެހީގެ ދަށުން ދަނީ ކުރަމުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މިއީ 25 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ޖާގައިގެ ގޮތުން ކުޑަ، ބޭނުންވާ ވަސީލަތްތައްވެސް ޤާއިމްކުރުމަށް ދަތިކަން ދިމާވެފައިވާ ތަނެއް. މި ގޮންޖެހުންތަކުން އަރައިގަނެ ހައްލު ހޯދުމަށްޓަކައި ޤައުމީ ލެބޯޓަރީ އިމާރާތްކުރުމަށް ބޭނުންވާ މަސައްކަތް ސަރުކާރާއި ޔޫރަޕިއަން އިންވެސްޓުމަންޓު ބޭންކުގެ ލޯނު އެހީގެ ދަށުން ދަނީ ކުރަމުން. މިއީ 25 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޡިމް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ޤައުމީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ޖަރުމަންގެ ޖައިޓެކް ކޮންސަލްޓިން ޤްރޫޕާއި 1.2 މިލިޔަން ޑޮލަރަށް ހަވާލުކޮށްފައިވާއިރު، މީގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ޑިޒައިންގ ކުރުމުގެ މަސައްކަތް ކަމަށާއި މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި މަޝްރޫޢު ކޮންޓްރެޓްކުރުމަށް އިޢުލާންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by BMLވަޒީރު ވިދާޅުވީ، މިކަމަށް ބޭނުންވާ 26،000 އަކަ ފޫޓުގެ ބިން ހުޅުމާލެއިން ހަމަޖެހިފައިވާކަމަށެވެ. މި ލެބޯޓަރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދެ އިމާރާތެއްގެ ގޮތުގައެވެ.
އެގޮތުން 9 ފަންގިފިލާގެ އިމާރާތަކާއި 3 ފަންގިފިލާގެ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއް އިމާރާތް ޚާއްސަކުރާނީ އެމްއެފްޑީއޭގެ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތަކަށެވެ. އަދި ދެވެނަ އިމާރާތް ޚާއްސަކުރާނީ ލެބޯޓަރީގެ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއްގެ ގޮތުގައެވެ.
ވަޒީރު ވިދާޅުވީ މި އިމާރާތްތައް ޤާއިމްވެގެން ދިޔުމުން ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި ވައިރޮލޮޖީ ރިސްކު ލެވެލް 2 އަދި 3 ގެ ވައިރަސްތައް ތަހުލީލުކުރުމުގެ އިންތިޒާމްތައް ބެކްޓޮރޮލޮޖީގެ ދާއިރާއިން ބެކްޓީރީއާއި ގުޅުންހުރި ތަހުލީލުތައް ކުރުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށާއި މިހާރު ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާވެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލިޖީގެ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީވެގެންދާނެ ކަމަށެވެ.
ނާޡިމް ވަނީ މި ލެބޯޓަރީގެ ސަބަބުން ރާއްޖެ އެތެރެކުރާ އަދި ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ތަހުލީލުތައް އިތުރަށް ފުޅާވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ޞިއްޙީ ދާއިރާގެ ހޯދުންތައް ދިރާސާކުރުމަށް ބޭނުންވާ ފަހި ފުރުސަތުތައް މީގެ ސަބަބުން މަގުފަހިވެެންދާނެކަމަށާއި އަދި މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރުގެ ޚިދުމަތްވެސް ޤާއިމްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ލެބޯޓަރީއަކީ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރަށް ތަރައްޤީކުރެވޭ ލެބޯޓަރީއަކަށްވާއިރު މުހިންމު ގިނަ އިތުރު ޚިދުމަތްތަކެއް ޤާއިމްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
