ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ނިންމާލައިފި؛ ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރޭ ނިންމާލާފައިފި އެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭ ނިންމާލާފައިވާއިރު، މި އަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ވަނީ ދޫކޮށްފަ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މި އަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ތަފްސީލު މީޑިއާތަކާއި ހިއްސާކުރައްވާފަ އެވެ.
Ads by BMLއެގޮތުން ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދަ ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު ކޭސް އަތޮޅުތަކަށް ވެސް ފޮނުވާ ނިމުނު ކަމަށާއި ރޭގެ ނިޔަލަށް މާލޭގައި ވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ނިންމާލަފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރޯދަ ހަދިޔާ ބެހި ގޮތުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ މާލޭ ސަރަޙައްދުން ދޫކުރެވިފައިވަނީ 55,667 މަސްދަޅު ކޭސް ކަމަށާއި އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް ފޮނުވިފައިވަނީ، 57,715 މަސްދަޅު ކޭސް ކަމަށެވެ. އަދި އެއާއެކު މުޅި ޖުމްލަ 113,382 މަސްދަޅު ކޭސް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ފާއިތުވި ދެ އަހަރުގެ ތަސާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި މި ދިޔަ އަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް 60,712 ކޭސް ފޮނުވިފައި ވިޔަސް، މި އަހަރު އަތޮޅުތަކަށް ފޮނުވަން ޖެހުނީ 57,715 ކޭސް ކަމަށެވެ. އެއީ 2,997ގެ މަދުވުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މި ދިޔަ އަހަރު މާލޭ ސަރަޙައްދަށް ދޫކުރެވިފައިވަނީ 50,525 ކޭސް ކަމަށް ވިޔަސް، މި އަހަރު ދޫކުރެވިފައި ވަނީ 55,667 ކޭސް ކަން ފާހަގަކުރައްވަމުން މިއީ 5142 ކޭހުގެ އިތުރުވުމެއް ކަމަށް ވިދާޅުވި އެވެ. 1446 ވަނަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖެއަށް ދޫކުރެވުނީ 111، 237 މަސްދަޅު ކޭހެވެ. މި އަހަރު އެ ޢަދަދުވަނީ 113،382އަށް އަރާފައެވެ. މިއީ 2،145 ކޭހުގެ އިތުރު ވުމެކެވެ.
މިއީ ރޯދަ ހަދިޔާ ޕްރޮގްރާމް ހިންގާ ތިން ވަނަ އަހަރެވެ. މި ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ސަރުކާރުން ދޫކޮށްފައިވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް 48 ދަޅުގެ މަސްކޭހެކެވެ.
ދިވެހި ގޭބިސީތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ރޯދަ ހަދިޔާ، ދޫކުރާނެ ގޭބިސީތައް އަތޮޅުތެރޭގެ ރަށްރަށުގައި ކަނޑައަޅައި އެ ލިސްޓްތައް ތައްޔާރު ކޮސްފައިވަނީ ކައުންސިލު އިދާރާތަކުން ނެވެ. މާލޭ ސަރަޙައްދުގައި ގޭބިސީތައް ދެނެގަތުމަށް ޓަކައި އަސާސީ މަސްދަރެއްގެ ގޮތުގައި ބަލާފައިވަނީ، ސްޓެލްކޯގެ ޑޮމެސްޓިކް ކަރަންޓް މީޓަރެވެ.
މި އަހަރުގެ ރޯދަ ހަދިޔާ ޢާންމުކޮށް ބެހުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2މިއަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
Ads by MACL
