ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް އައްޔަނުކުރި މުޙައްމަދު އިޝާން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް އައްޔަނުކުރި މުޙައްމަދު އިޝާން

މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.

އިޝާން މި މަގާމަށް ހޮވިވަޑައިގަތީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމަށް އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމަށްފަހުގައެވެ.

މުޙައްމަދު އިޝާން އަކީ ތައުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ޗާޓަރޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އިޝާން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ. 2014 ވަނަ އަހަރު އެމްއެމްއޭއާ ގުޅިވަޑައިގެންނެވި އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި، ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން ހިމެނެއެވެ. މި މަގާމުތަކުގައި އޭނާ ވަނީ މާލީ ކަންކަން ބެލެހެއްޓުމާއި މުއައްސަސާގެ އެތެރޭގެ ހިންގުމުގެ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން މި ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.