ދުޅަހެޔޮ ޖީލަކަށް، ޝީޝާ މަނާކޮށް، ހަކުރު ސަބްސިޑީ ކަނޑާލައި ޓެކްސް ނެގުމަށް މަޝްވަރާ ކުރަނީ
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގައި ޝީޝާ މަނާކުރުމާއި، ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމުގެ އިތުރުން ހަކުރަށް ދޭ ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، އެކަންކަން ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވަރަށް މަޝްވަރާކުރާ ކަންތައްތަކުގެ ވާހަކަ ތި ދަންނަވާލީ ޝީޝާ އާއި ހަކުރާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން މިހާރުވެސް ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމާއި، ވޭޕްގެ ބާވަތްތައް ރާއްޖޭގައި އެއްކޮށް މަނާކުރުން ހިމެނެއެވެ.
އަދި ހަކުރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މަރުހަލާތަކުގައި މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެންމެ މުހިއްމު ދަނޑިވަޅުގައި އެކަމަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަކުރުގެ ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީއަށް ނިންމޭނެ ކަމެއް ނޫން ނަމަވެސް، އެ ފިޔަވަޅު އެޅޭނެ ދުވަހަކަށް މުޅި ސިއްހީ ދާއިރާ އިންތިޒާރު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކުގައި ހިމެނޭ ހަކުރު ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ދައުލަތުން މިހާރުވެސް ބޮޑު ސަބްސިޑީއެއް ހޭދަކުރެއެވެ.
މިކަމާ ގުޅިގެން ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރުމަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ކުރިއަށް އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މުހިއްމު އިންވެސްޓްމަންޓެކެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އިސްކަންދިނުމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުންފަތުގެ އެކި ފްލޭވާތައް މަނާކުރުމަކީ ވެސް ސިއްހީ މާހިރުން ލަފާދީފައިވާ ކަމެކެވެ.
Ads by MACL
