ސްވައިޕް އަކީ ދުނިޔޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓްތަކާ އެއްފެންވަރެއްގެ 100 ޕަސެންޓް ދިވެހި އުފެއްދުމެއް: ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ދުނިޔޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓްތަކާ އެއްހަމައެއްގައި ވާދަކޮށްލެވޭ ފެންވަރު ހުރި 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށް އެ ބެންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ޓްރޭޑް މައުރަޒުކަމަށްވާ އައިޓީބީ ބާލިންގައި ވަނީ ރަސްމީކޮށް ސްވައިޕް އިފުތިތާހުކޮށްފައެވެ. އެއަށް ފަހު ޕީއެސްއެމްއަށް ޝަރީފް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ސްވައިޕް ލޯންޗުކުރުމާ އެކު ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.
ސްވައިޕް މެދުވެރިކޮށް ކުރާ ޓްރާންސްސެކްޝަންތަކުން ރިސޯޓް މާޗެންޓުންނަށް ވަގުތުން ފައިސާ ލިބުން މީގެ ތެރެއިން ޝަރީފް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެހެނިހެން ވޮލެޓްތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްދޭ ވޮލެޓަކަށް މި ވޮލެޓު ވާނެކަން، އެހެންނުވާންވީ ސަބަބެއް ނެތް، ރާއްޖޭގައި މިއޮންނަނީ މުޅި ދުނިޔޭގައިވެސް މިއޮންނަ އެންމެ ބޮޑު ޓޫރިޒަމް. އަދި އެންމެ ބޮޑެތި ރިސޯޓުތައް. އެހެންވެއްޖެއްޔާމު މިފަދަ ފައިނޭންޝަލް ޕްރޮޑަކްޓްތައްވެސް އަޅުގަނޑުމެން ދެކެނީ މިފަދަ ވަރުގަދަ ބައިނަލްއަގުވާމީ ޕްރޮޑަކްޓުތަކަަކަށް ވެގެން އެހެން ބައިނަލްއަގުވާމީ ވޮލެޓްތަކާ ކޮމްޕީޓުކުރުން މުހިންމުކަމަށް." ޝަރީފް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ސްވައިޕްގެ ސަބަބުން ހަރަދު ވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ މިހާރު ކްރެޑިޓް ކާޑްތަކާއި ކާޑުތަކުން ރިސޯޓްތަކަށް ފައިސާ ދައްކާއިރު ނަގާ ކޮމިޝަން ސްވައިޕްގައި ވަރަށް ކުޑަވާނެ ކަމަށާއި އިތުރު ފީއެއް ވެސް ނުނަގާނެ ކަމަށެވެ.
"ކާޑް އެސޯސިއޭޓްތަކުންނާއި ބޭންކްތަކުން، ގާތްގަނޑަކަށް 2.5 ޕަސެންޓުން ފެށިގެން އެއަށް ވުރެ މައްޗަށް އެބަ ނަގާ ކޮމިޝަން. ސްވައިޕް މެދުވެރިކޮށް ހަދާ ޓްރާންސްސެކްޝަންތަކުގައި އަޅުގަނޑުމެން ނަގާނީ އެންމެ ޕަސެންޓެއް. އެއްވެސް އިތުރު ފީއެއް މި ކާޑް ހޯޑަރު އަދި މާޗެންޓުންގެ އަތުން ވެސް ނުނަގާނެ،" ޝަރީފް ވިދާޅުވި އެވެ.
އެހެންވެ، ބޮޑެތި އަދަދަތަކުން ޓްރާންސްސެކްޝަންތައް ހަދާއިރު ރިސޯޓްތަކަށް ސްވައިޕްގެ ސަބަބުން ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
Ads by BMLޝަރީފް ވިދާޅުވި ގޮތުގައި ސްވައިޕަކީ އެންމެ މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން 100 ޕަސެންޓް ދިވެހިން ފަރުމާކޮށް އަދި ޑިވެލޮޕްކޮށްފައިވާ ވޮލެޓެކެވެ. މިއަދުން ފެށިގެން ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް ސްވައިޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށާއި ރާއްޖޭން ފައިސާ ފޮނުވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"...އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ދުނިޔޭގެ ފެންވަރުގެ ވޮލެޓެއް. އަޅުގަނޑު އުއްމީދު ކުރަނީ ދުނިޔޭގެ މަޝްހޫރު ވޮލެޓްތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްދެވޭނެ ކަމަށް. އެހެން ނުވާންވީ ސަބަބެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުން ކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް ވެސް ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނެފައިވަނީ އެ ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެއް ކަމަށެވެ. އެއާ އެކު، ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ވެސް ކުޑަކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ވޮލެޓަކީ ދުނިޔޭގެ އެހެން ޑިޖިޓަލް ވޮލެޓްތަކާ އެއްގޮތަށް، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Ads by MACL
