ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީވުމަށް ހިންގާ 'ބޭންކް ފަންޑު' ގެ ދަށުން، ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވުމުގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީވުމަށް ހިންގާ 'ބޭންކް ފަންޑު' ގެ ދަށުން، ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީވުމަށް ހިންގާ 'ބޭންކް ފަންޑު' ގެ ދަށުން، ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށް ހުޅުވައިފިއެވެ.

މި މަޝްރޫއަކީ 2025 ވަނަ އަހަރު ބޭންކް ފަންޑު ކާމިޔާބުކުރި ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރި ސްޓޫޑިއޯގައި ޕްރޮފެޝަނަލް ކެމެރާ އާއި ލައިޓިންގ ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކުގެ އިތުރުން އެޑިޓިންގ ކޮމްޕިއުޓަރާއި ސްޓްރީމިންގ ހާޑްވެއާ ވަނީ ހިމަނާފައެވެ. މި ވަސީލަތްތަކަކީ 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ މި މަރުކަޒުގެ މީޑިއާ ކްލަބުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބުނު ބޮޑު އެހީއެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މީޑިއާ ކްލަބެއް ކުރިން ވެސް ހިންގަމުން އައި ނަމަވެސް، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަން މީގެ ކުރިން ވަނީ ފާހަގަކުރެވިފައެވެ.

ޔޫއައިއެސްގެ އަމާޒަކީ މި ސްޓޫޑިއޯ މެދުވެރިކޮށް ދަރިވަރުންނަށް ވީޑިއޯ އުފެއްދުމާއި، އިވެންޓް ބްރޯޑްކާސްޓްކުރުމާއި، ވީޑިއޯ ރިޕޯޓް ހެދުމުގެ އިތުރުން ސްކޫލުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ތައުލީމީ ކޮންޓެންޓް އުފެއްދުމުގެ ހުނަރާއި ތަޖުރިބާ ދަރިވަރުންނަށް ހޯދައިދިނުމެވެ.

މި ސްޓޫޑިއޯގެ ޚިދުމަތް ރަށުގެ އެހެން އޮފީސްތަކަށާއި ކައިރި ރަށްރަށަށް ވެސް ފޯރުކޮށްދީ، ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ތަން ބަލަހައްޓާނީ ސްކޫލާއި ޔޫއައިއެސް ޖަމިއްޔާގެ ހާއްސަ ޓީމަކުންނެވެ. އަދި މިތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އާމްދަނީ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ގަވާއިދުން ތަމްރީނު ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެރުވުމަށް ހިންގާ މަޝްރޫއުތަކަށް އެހީވުމަށް ބީއެމްއެލްއިން ތައާރަފުކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ދަށުން ހޮވޭ ކޮންމެ ޖަމިއްޔާއަކަށް މަޝްރޫއު ހިންގުމަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދެއެވެ.