ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ ތެލުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ ހާސްކަމަކަށް، ސްޓޮކުގައި ހުރީ 25 ދުވަހުގެ ތެޔޮ!

އިންޑިއާގެ ތެލުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ ހާސްކަމަކަށް، ސްޓޮކުގައި ހުރީ 25 ދުވަހުގެ ތެޔޮ!

އިންޑިއާގައި ކުރިއަށް އޮތް 25 ދުވަހަށް ބޭނުންވާ ވަރަށް ކްރޫޑް އޮއިލް އަދި އިތުރު 25 ދުވަހަށް ބޭނުންވާ ވަރަށް ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށާއި، ނަމަވެސް އެއީ މިވަގުތުގެ ހާލަތަށް ބަލާއިރު، ބޮޑު ހާސްކަމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނޭ ކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކްރޫޑް އޮއިލްގެ ހާލަތަށް ބަލާއިރު އިންޑިއާ އޮތީ ވަރަށް ދައް ހާލަތެއްގައި ހަމަށެވެ. އަދި މީގެ އިތުރުން، މިހާރު ހުރި 25 ދުވަހުގެ ކްރޫޑް އޮއިލް ރިޒާވްގެ ތެރޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ "ސްޕެޝަލް ޕެޓްރ؛ޯލިއަމް ރިޒާވް (އެސްޕީއާރް)" ގައި ހިމެނިފައި ނުވާތީ، އެ ރިޒާވާއެކު ގައުމުގެ ހަކަތައިގެ ރައްކާތެރިކަން މިއަށްވުރެ ވެސް ދައް ހާލަތަށް ވެއްޓިގެން ހިނގައިދާނޭ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލުހިފުމުގެ ގޮތުން ދެމުންގެދާ ހަމަލާތަކާ ގުޅީގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހިފަ އެވެ.

މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ މުހިންމު މަގަކަށްވާ ހޯމޫޒް ކަނޑުއޮޅި ބަންދުވެ، ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މީގެ ސަބަބުން ބްރެންޓް ކްރޫޑްގެ އަގު އަންގާރަ ދުވަހު ފީފާއަކަށް 80 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ.

އިންޑިއާއިން ބޭނުންކުރާ ކްރޫޑް އޮއިލްގެ ގާތްގަނޑަކަށް ފަސްބައިކުޅަ ދެބައި ސަޕްލައި ކުރަނީ ސްޓްރެއިޓް އޮފް ހޯމޫޒް ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާއިރު، އެ ސަރަހައްދުގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ތެލުގެ ރިޒާވްއާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެހެން ނަމަވެސް ލިކުއިފައިޑް ނެޗުރަލް ގޭސް އަދި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސްގެ ރިޒާވް ވެސް މިވަގުތު ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހަށް ބޭނުންވާ ވަރަށް ލިކުއިފައިޑް ނެޗުރަލް ގޭސްގެ ސަޕްލައި އިންޑިއާގައި އެބަހުއްޓެވެ. ދުނިޔޭގެ އެންމެ ބޮޑު ލިކުއިފައިޑް ނެޗުރަލް ގޭސް އުފައްދާ ކުންފުނި ކަމަށްވާ ގަތަރު އެނާޖީގެ ފެސިލިޓީތަކަށް ދިން ހަމަލާތަކާ ގުޅިގެން އުފެއްދުންތައް މެދުކަނޑާލާފައިވީ ނަމަވެސް، އިންޑިއާގެ ހާލަތު މިވަގުތު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށް އިންޑިއާ ސަރުކާރުން ޔަގީންކޮށްދެއެވެ.