ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެލޭޝިއާގެ ކުޅުންތެރިންނަށް ފީފާއިން ދިން އަދަބު ކޭސް އިން ލުއިކޮށްދީފި

އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުނު ހަތް ކުޅުންތެރިން
އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުނު ހަތް ކުޅުންތެރިން

އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުނު ހަތް ކުޅުންތެރިއަކަށް ފީފާއިން ދީފައިވާ އަދަބު، ކޯޓް އޮފް އާބިޓްރޭޝަން ފޯސްޕޯޓް (ކޭސް) އިން ލުއިކޮށްދީފިއެވެ. ބުރާސްފަތި ދުވަހު ކޭސް އިން ނިންމި ނިންމުމުގައި ބުނެފައިވަނީ މި ކުޅުންތެރިންނަށް ދީފައިވާ 12 މަސް ދުވަހުގެ ސަސްޕެންޝަން ދެން ހިނގާނީ ހަމައެކަނި ރަސްމީ މެޗުތަކަށް ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ޑިޕޯޓިވޯ އަލަވޭސްއަށް ކުޅޭ ފަކުންޑޯ ގާސޭސް ހިމެނެއެވެ. މީގެ އިތުރުން ގަބްރިއަލް އަރޯޗާ، ރޮޑްރިގޯ ހޮލްގާޑޯ، އިމަނޯލް މަޗޫކާ، ޔޮއާއޯ ފިގުއެރޭޑޯ، ޖޯން އިރަޒަބަލް އަދި ހެކްޓަރ ހެވެލް ހިމެނެއެވެ. މީގެ ތެރެއިން ފަހުން ބުނި ތިން ކުޅުންތެރިންނަކީ މެލޭޝިއާގެ ޖޮހޯރު ދާރުލް ތައުޒީމް (ޖޭޑީޓީ) އަށް ކުޅޭ ކުޅުންތެރިންނެވެ.

މި ކުޅުންތެރިންނަށް ފީފާއިން މިދިޔަ ސެޕްޓެމްބަރު މަހު އަދަބު ދިނީ، އޭޝިއަން ކަޕް ކޮލިފައިންގައި ވިއެޓްނާމާ ދެކޮޅަށް މެލޭޝިއާ ކުޅުނު މެޗުގައި، އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ނެޗުރަލައިޒޭޝަން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ކުޅުނުކަން ސާބިތުވުމާ ގުޅިގެންނެވެ. އޭރު ފީފާއިން ނިންމާފައިވަނީ 12 މަސް ދުވަހުގެ މުއްދަތަށް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި އެ ކުޅުންތެރިންނަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ކޭސްގެ ބަޔާނުގައި ބުނެފައިވަނީ، ލިޔެކިޔުންތައް އޮޅުވާލި މައްސަލަ ސާބިތުވާ ކަމަށާއި، އެހެންކަމުން 12 މަސް ދުވަހުގެ މެޗު ބޭން އަކީ އެކަށީގެންވާ އަދަބެއް ކަމަށެވެ. ނަމަވެސް، ފީފާ ޑިސިޕްލިނަރީ ކޯޑުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މި އަދަބަކީ ހަމައެކަނި މެޗުތަކަށް އޮތް އަދަބެއް ކަމަށް ޕެނަލުން ވަނީ ނިންމާފައި ކަމަށް ކޭސް އިން ބުނެފައިވެއެވެ. މީގެ މާނައަކީ ސަސްޕެންޝަންގެ މުއްދަތުގައި ވެސް ކުޅުންތެރިންނަށް އެމީހުންގެ ކްލަބުތަކާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެއެވެ.

ކުޅުންތެރިންގެ އަދަބަށް ލުޔެއް ދިން ނަމަވެސް، މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް ފީފާއިން ކުރި 350,000 ސްވިސް ފްރޭންކް (450,000 ޑޮލަރު) ގެ ޖޫރިމަނާ ދަމަހައްޓަން ކޭސް އިން ވަނީ ނިންމާފައެވެ.