ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕަށް ކަނޑައެޅި ފައިސާ ޓްރަމްޕްގެ ސަރުކާރުން ނުދީ ހިފަހައްޓާތީ ފާޑުކިޔުން

ވޯލްޑް ކަޕަށް ކަނޑައެޅި ފައިސާ ޓްރަމްޕްގެ ސަރުކާރުން ނުދީ ހިފަހައްޓާތީ ފާޑުކިޔުން

ފީފާ ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ 625 މިލިއަން ޑޮލަރުގެ ފަންޑު، ލޯކަލް އޮތޯރިޓީތަކަށް ދޫނުކޮށް ހިފަހައްޓަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ނިއު ޖާޒީގެ ކޮންގްރެސް މެންބަރަކު ތުހުމަތު ކުރައްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) އިން މި ފައިސާ ޖެނުއަރީ 30 ގެ ކުރިން ދޫކުރަން ނިންމާފައި އޮތް ނަމަވެސް، މިހާތަނަށް އެ ފައިސާ ދޫކޮށްފައެއް ނުވެއެވެ. މީގެ ސަބަބުން ވޯލްޑް ކަޕްގެ މެޗުތައް ބާއްވާ ސިޓީތަކުން އިވެންޓަށް ތައްޔާރުވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ހައުސް ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކޮންގްރެސް މެންބަރު ނެލީ ޕޫ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން މި ފައިސާ ހިފަހައްޓަނީ 100 އިންސައްތަ ސިޔާސީ މަގްސަދެއްގައި ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ޕޫ ތަމްސީލުކުރައްވާ ދާއިރާގައި ހިމެނޭ މެޓްލައިފް ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ފައިނަލް މެޗާއެކު ޖުމްލަ އަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވިދާޅުވީ، ފައިސާ ދޫނުކުރެވި ވަނީ ޑިމޮކްރެޓުން ސަރުކާރު ބަންދުކުރުމާ (ގަވަރްމަންޓް ޝަޓްޑައުން) ގުޅިގެން ފީމާގެ މުވައްޒަފުންނަށް މަސައްކަތަށް ނުކުމެވޭގޮތް ނުވުމުން ކަމަށެވެ. ނަމަވެސް ޕޫ ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. ނޯމް އިތުރަށް ވިދާޅުވީ ޑީ.އެޗް.އެސް އަށް ފަންޑިން ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން މިއާމީ ހޯސްޓް ކޮމިޓީގެ ސީ.އޯ.އޯ ރޭމަންޑް މާޓިނޭޒް ވިދާޅުވީ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފައިސާ ނުލިބިއްޖެނަމަ ރޭވުންތަކަށް ބޮޑެތި ހުރަސްތަކެއް އެޅި، ކަންކަން ބޮއްސުންލައިގެން ހިނގައިދާނެ ކަމަށެވެ.

ކެންސަސް ސިޓީގެ ފުލުހުންވެސް ވަނީ އޮފިސަރުންގެ ދަތިކަން ހުރިކަން ފާހަގަކޮށް، މި ފައިސާއަކީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށް ބުނެފައެވެ.