އިޒްރޭލާއި އެމެރިކާގެ ފައުޖުތަކުން އީރާނުގެ ސިއްހީ މަރުކަޒުތަކަށް 13 ހަމަލާއެއް ދީފައިވާކަން ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށްފި
އީރާނުގެ ސިއްހީ އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށް 13 ހަމަލާއެއް ދީފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްފިއެވެ. މި ހަމަލާތަކާ ގުޅޭ މައުލޫމާތު ކުރިން އާންމުކުރިއިރު ބައެއް ކުށްތައް ހުރުމުން، އެ އިދާރާއިން މިހާރު ވަނީ އެ މައުލޫމާތުތައް އިސްލާހުކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދީފައިވާ 13 ހަމަލާއެއް އަދި ލުބުނާނުގައި ދީފައިވާ އެއް ހަމަލާ ޑަބްލިއުއެޗްއޯ އިން ވަނީ ކަށަވަރުކޮށްފައި ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުވަތަ ހަމަލާތަކުގެ ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ހަނާން ބަލްޚީ ވިދާޅުވީ، އީރާނުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ހަތަރު އެމްބިއުލަންސަކަށް މި ހަމަލާތަކުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގެ ކައިރިއަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކަށާއި އެހެނިހެން ސިއްހީ ބިނާތަކަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަމަލާތަކުގައި މީހުން މަރުވި ކަމަށް ބުނާ ރިޕޯޓުތައް ޑަބްލިއުއެޗްއޯ އިން މިހާރު ދަނީ އިތުރަށް ޗެކްކުރަމުންނެވެ. ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ސިއްހީ ހިދުމަތްތެރިން ހިމެނޭހެން ބައެއް މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް މި މައުލޫމާތުތައް ކަށަވަރުކުރުމުގެ މަސައްކަތް އެ ޖަމިއްޔާއިން ދަނީ ކުރަމުންނެވެ.
Ads by MACL
