ޓްރަމްޕްގެ އިންޒާރެއް އީރާނަށް: ތިތަނުގެ ވެރިޔަކަށް ދެން އަންނަން ޖެހޭނީ އަހަރެން ބުނާ މީހެއް
އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ދެން އަންނަ ލީޑަރަކު ހޮވުމުގެ މަރުހަލާގައި އަމަލީ ގޮތުން ބައިވެރިވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ބައިވެރިވުމެއް ނެތި އީރާނުން އައު ލީޑަރަކު އައްޔަން ކުރަން މަސައްކަތް ކުރުމަކީ ވަގުތު ބޭކާރު ކުރުން ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށް ވެގެންދާނެ ވާހަކަފުޅެކެވެ.
އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހާނީ ކާލިދާރު އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއަކީ އެ މަގާމަށް އައުމަށް އެންމެ ގާތް ބޭފުޅާ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް، އެ ކަން ގަބޫލުނުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
"ޚާމަނާއީގެ ދަރިކަލަކީ އެކަމަށް އެކަށީގެންވާ ވަރުގެ ބޭފުޅެއް ނޫން. އެ މަގާމަށް މީހަކު އައްޔަން ކުރުމުގައި އަހަރެން ބައިވެރިވާން ޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރަމްޕް އިންޒާރު ދެއްވީ، ކުރީގެ ލީޑަރިޝިޕްގެ ސިޔާސަތުތައް ދަމަހައްޓާ އެއްވެސް ލީޑަރަކު އީރާނުން އައްޔަންކޮށްފިނަމަ އެމެރިކާއިން އެކަން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންތައް ވެއްޖެނަމަ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެމެރިކާއާއެކު އަލުން ކުރިމަތިލުމަކަށް ދިއުމުގެ ބިރު އޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީރާނުގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޚާމަނާއީގެ ދަރިކަލަކީ އޭނާ ގަބޫލުކުރާނެ މީހެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ އީރާނަށް އަމާންކަމާއި ސުލްހަވެރިކަން ގެނެސްދޭނެ މީހެއް ކަމަށެވެ.
މި ވާހަކަތަކާއެކު އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަންނަން އުޅޭ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
Ads by MACL
