މާދާމާ މާލޭގެ 26 މިސްކިތެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން
މާދަމާ މާލޭގެ 26 މިސްކިތެއްގައި ޚުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން ވަނީ މާދަމާ މާލޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރަން ހަމަޖެހިފައިވާ ޒުވާން ޚަތީބުންގެ ފޮޓޯއާއި މައުލޫމާތު މިރޭ އާންމުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މާދަމާ މާލޭގެ 26 މިސްކިތެއްގައި ޒުވާން ޚަތީބުން ހުކުރު ކުރާއިރު، މީގެ ތެރޭގައި ފުރަތަމަ ފަހަރަށް މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުންއައުޘަމް (އިސްލާމީ މަރުކަޒު) އާއި މަސްޖިދު މަލިކު ސަލްމާން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި ހުކުރު ކުރާނީ އަލްޙާފިޒް ޢަބްދުﷲ ބިން އިމްޖާދު އެވެ. އަދި ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ އަލްޙާފިޒް މުޙައްމަދު ޙަނޫން ޙުސައިން އެވެ.
Ads by BMLޒުވާނުންނަށް މި ފުރުސަތު ދިނުމުގެ މަގުސަދާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ އެ ކުދިންގެ ލީޑާޝިޕް ބަލައިގަންނަކަމާއި، އިސްލާމީ ކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެކުދީންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށް ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ދަނީ ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދީނީ ގޮތުން އިރުޝާދު ދިނުމަށް ބޭނުންވާ ޒުވާން ޚަތީބުން ބިނާކުރުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން ތަމްރީނުކޮށް ނެރުމެވެ.
Ads by MACL
