ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"އެމެރިކާއިން އެއްގަމު މަގުން އިރާނަށް އަރައިފިއްޔާ ޒަމާން ދުއްވާލާނަން"

"އެމެރިކާއިން އެއްގަމު މަގުން އިރާނަށް އަރައިފިއްޔާ ޒަމާން ދުއްވާލާނަން"

އެމެރިކާގެ އަސްކަރިއްޔާއިން އެއްގަމު މަގުން އީރާނަށް އަރައިފިނަމަ، އެއީ އެމެރިކާއަށް ކުރިމަތިވާނެ ބޮޑު މުސީބާތަކަށް ވާނެ ކަމަށާއި، އީރާނުން އޮތީ އެފަދަ ކަމަކަށް ތައްޔާރަށް ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އީރާނުގެ ވަރުގަދަ އަސްކަރީ ބާރުތަކުން މި ހަނގުރާމައަށް ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އީރާނަށް އަރައިގަންނަ ކޮންމެ ބަޔަކަށް އެ ގައުމު ވާނީ ސަލާމަތް ނުވެވޭނެ ފަދަ ފުން ވަޅުގަނޑަކަށް ކަމަށެވެ.

އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، މިހާރުގެ އެމެރިކާގެ ސަރުކާރާއެކު ދެ ފަހަރެއްގެ މަތިން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް، ދެ ފަހަރުވެސް މަޝްވަރާތައް ކުރިއަށް ދަނިކޮށް އެމެރިކާއިން އީރާނަށް ހަމަލާދީފައިވާ ކަމަށާއި، އެހެންކަމުން މިހާރު ހިނގަމުންދާ ލޭ އޮހޮރުވުންތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން ދާއިރުވެސް، އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެދިފައި ނުވާނެ ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

"އަހަރެމެން މިދިޔަ ފަހަރުވެސް އިސްވެ ހަނގުރާމަ ހުއްޓާލާކަށް ނޭދެން. މިދިޔަ ޖޫން މަހު، 12 ދުވަސް ވަންދެން ކުރި ހަނގުރާމައިގައި ވެސް، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމުން އަހަރެމެން ދެއްކި ސާބިތުކަމަށް ކެތް ނުކުރެވިގެން، އެންމެ ފަހުން އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލަން އެދުނީ އިޒްރޭލުން،" އޭނާ ވިދާޅުވިއެވެ.

މީނާބް ސަރަހައްދުގެ ޕްރައިމަރީ ސުކޫލަކަށް ދިން ހަމަލާއެއްގައި 171 ކުޑަކުދިން މަރުވި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަރަގްޗީ ވިދާޅުވީ އެއީ އެމެރިކާ ނުވަތަ އިޒްރޭލުގެ ހަމަލާއެއް ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އަރަގްޗީ ވިދާޅުވީ އީރާނުގެ އަސްކަރިއްޔާގެ ރިޕޯޓުތަކުން އެއީ އެމެރިކާ ނުވަތަ އިސްރާއީލުގެ އަމަލެއްކަން ސާފުވާ ކަމަށެވެ.

އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހުސްކަމާއި، އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ މަގާމަށް އަތުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަރަގްޗީ ވިދާޅުވީ، ލީޑަރަކު އައްޔަން ކުރުމުގެ ކަންކަން ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު ދެކެވެނީ ހަގީގަތެއް ނެތް އަޑުތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިންމަވާލައްވަމުން އަރަގްޗީ ވިދާޅުވީ، މި ހަނގުރާމައިގައި ވަކި މޮޅުވާނެ ފަރާތެއް އަދި އެނގެން ނެތް ކަމަށެވެ. އީރާނުގެ ކާމިޔާބީއަކީ ބޭރުގެ ނުފޫޒުތަކާއި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބުން ކަމަށާއި، އެމެރިކާއަކީ އިޚްލާސްތެރިކަމެއް ނެތް ބަޔަކަށް ވާތީ ދެން އެގައުމާއެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.