އީރާނުގެ ހަމަލާތަކުގެ ބިރު އޮތް ކަމަށް ބުނެ އަލްއަޤްޞާ މިސްކިތް ބަންދުކުރަން އިޒްރޭލުން ނިންމައިފި
ރަމަޟާން މަހުގެ ތިންވަނަ ހުކުރު ދުވަހާ ދިމާކޮށް، އަލްއަޤްޞާ މިސްކިތް ނަމާދުކުރާ މީހުންނަށް ބަންދުކުރުމަށް އިސްރާއީލުން ނިންމައިފިއެވެ.
އިސްރާއީލުން މި ފިޔަވަޅު އަޅާފައިވަނީ އީރާނުން ފޮނުވާލާފާނެ މިސައިލް ހަމަލާތަކެއްގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.
މި ނިންމުމަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫންކަން ދެއްކުމުގެ ގޮތުން، އިސްރާއީލުން ވަނީ 'ޗާޗް އޮފް ދަ ހޮލީ ސެޕަލްކަރ' އާއި 'ބުރާޤް ފާރު' (ވެއިލިންގް ވޯލް) ވެސް ބަންދުކުރާނެކަން އިޢުލާންކޮށްފައެވެ. ނަމަވެސް، ކްރިސްޓިއަނުންނާއި ޔަހޫދީންނަކީ ހުކުރު ދުވަހު މިފަދަ ގޮތަކަށް އަޅުކަމަށް ޖަމާވާ ބައެއް ނޫންކަން ފާހަގަކުރެވެއެވެ.
Ads by BMLއިސްރާއީލުން ސަލާމަތީ ސަބަބުތަކަށްޓަކައި މިފަދަ ފިޔަވަޅެއް އެޅި ނަމަވެސް، އިސްތިޢުމާރުކޮށްފައިވާ ގުދުސްގައި ހުންނަ ޔަހޫދީ ދީނީ މަދަރުސާތަކުގައި ކޮންމެ ދުވަހަކުވެސް މީހުން އެއްވެ، ކިޔަވައިދިނުމާއި އެކި ކަހަލަ އުފާފާޅުކުރުންތައް ބާއްވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި ފިޔަވަޅުގެ ސަބަބުން ރަމަޟާން މަހުގެ ބަރަކާތްތެރި ހުކުރު ދުވަހުގެ ނަމާދަށް އަލްއަޤްޞާ މިސްކިތަށް ދިއުމަށް ތައްޔާރުވަމުންދިޔަ އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިއީ ސަލާމަތީ ބަހަނާއެއް ދައްކައިގެން މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަތުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
