ސުވަރުގެ އެދޭ ނަމަ ފަހު ދިހައިގެ ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރޭ: ހުތުބާ
ސުވަރުގެ އެދޭ ކޮންމެ މީހަކު ރަމަޟާންމަހުގެ ފަހު ދިހައިގެ ދަރުމައާއި ސަވާބު ލިބިގަތުމަށް އަވަސްވެގަތުމަށް ހުކުރު ޚުތުބާގައި ގިވާލައިފި އެވެ.
މިއަދުގެ ޚުތުބާގައި ބުނީ ސުވަރުގެ ލިބިގަތުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ދެވަނަ ފުރުސަތެއް ލިބުމުގެ ފުރުސަތު ކުޑަކަމަށާއި ވަގުތު އޮއްވައި މި މާތް މައްސަރަުގެ ދަރުމަ ލިބިގަތުމަށް އަވަސްވުމަށް ޚުތުވާގައި ވަނީ ނަސޭހަތްތެރިވެ ވެފަ އެވެ.
ހުކުރު ހުތުބާގައި ބުނީ ރޯދަ މަސް ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށާއި ކުރެވުނު ހެޔޮ އަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް މާތް ﷲ ހާއްސަކުރައްވާފައިވާ ކަމަށާއި އެގޮތުން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަސް ކަމަށާއި އެންމެ ހެޔޮ ރޭތަކަކީ ރޯދަ މަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވި ކަމަށް ހުތުބާގައި ވެއެވެ.
Ads by BMLއަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްގަދުރި ލެއްވި ކަމަށާއި އެ ރޭ ކީރިތި ގުރްއާން ބާވައިލެއްވިކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
"ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި މާތް ﷲ ގެ ރަހުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެއް."، ހުުތުބާގައިވެ އެވެ.
ހުތުބާގައި ވަނީ ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ސަދަގާތްކުރުން ގިނަކުރަން ޖެހޭ ކަމަށާއި އެގޮތުން މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިތުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވެގަތުމުގެ މުހިއްމުކަން ފާހަގަކޮށް، ފިތުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށް ބުނެފަ އެވެ.
މީގެއިތުރުން މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށާއި އެހެންކަމުންއުންމަތުގެ މުސްތަގުބަލަށް ޓަކައި، އިސްލާމީ ހަޟާރަތު އަލުން އިއާދަކުރުމަށް އަދުގެ ޒުވާން ޖީލު އިހުލާސްތެރިކަމާ އެކު އަޒުމް ކަނޑައަޅާންޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ރަމަޟާން މަހަކީ މުސްލިމުން ނަފްސާއި ޖިހާދުކުރާ މަހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުސްލިމުންވަނީ ރަމަޟާން މަހު މުޝްރިކުންނާ ބޮޑެތި ހަނގުރާމަތަކެއްކޮށް ކާމިޔާބީތައް ހޯދާފައި ކަމަށެވެ. އެގޮތުން މިއަދަކީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާންމަހު، އިސްލާމީ ތާރީޚުގައި ހިނގި އެންމެ ވަރުގަދަ އަދި ބޮޑު ހަނގުރާމަ ކަމަށްވާ ބަދުރު ޖަނގުރާމައިގެ ކާމިޔާބީ މުސްލިމުންނަށް ﷲ ތަޢާލާ ދެއްވި ދުވަސްކަން ޚުތުބާގައި ފާހަގަކުރި އެވެ.
އިސްލާމީ ތާރީޚުގައި ހިނގި އެންމެ ފުރަތަމަ ހަނގުރާމައަކީ ބަދުރު ހަނގުރާމައެވެ. ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު މައްކާގެ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ. އެއީ ޙައްގާއި ބާޠިލާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ. އެއީ މާތްﷲގެ ރަޙުމަތާއި މަދަދު މުސްލިމުންނަށް ދެއްކެވި ދުވަހެވެ. އެއީ ﷲގެ އެންގެވުމަށް ޖިބްރީލްގެފާނު މަލާއިކަތުންގެ ލަޝްކަރަކާއެކު ހަނގުރާމައަށް ފައިބައިވަޑައިގަތް ދުވަހެވެ.
މުސްލިމުން ދިޔައީ ހަނގުރާމައަކަށް ނޫނެވެ. މުސްލިމުންގެ މުދާ ފޭރިގެން ތިބި މުޝްރިކުން ސީރިއާއިން ވިޔަފާރިކޮށްގެންދިޔަ ޤާފިލާއެއް ހުއްޓުވާ އޭގެއިން މުސްލިމުންގެ ޙައްގުވާ ބައި އަތުލުމަށެވެ. މިކަން އެނގި މުސްލިމުން ނައްތާލުމަށް ދުޝްމަނުން ތައްޔާރުވެގެން 1000 މީހުންގެ ލަޝްކަރެއް ކުރިމަތިލީ، އެންމެ 313 ބޭކަލުންނާއި 2 އަހުގައި ވިޔަފާރި ޤާފިލާއާއި ކުރިމަތިލާން ދިޔަ މީސްކޮޅަކާއެވެ.
"އިސްލާމް ދީނަށްޓަކައި ޙިޖުރަކުރެއްވީ ހުރިހާ މުދަލެއް ދޫކޮށްލެއްވުމަށްފަހު. އެހެންވެ އެގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޤާފިލާ އަތުލުމަށް މުސްލިމުންދިޔައީ. އެހެންނަމަވެސް އެކަން އެނގިގެން މުޝްރިކުން ފިލައިގެންދިޔައީ. އެގޮތަށް ދިމާވުމުން މުސްލިމުންގެ ބާރު ކަނޑުވާލަން ހަނގުރާމައަށް އައީ." ޚުތުބާގައި ބުންޏެވެ.
ބަދުރުގެ ދުވަހު އެންމެބޮޑަށް ފިލާވަޅު ލިބެނީ މުސްލިމުންކުރާ ހުރިހާ ކަމެއްގައިވެސް މަޝްވަރާކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ހަނގުރާމައިގެ ކަންކަމުގައި އެކަލޭގެފާނު މާތް ޞަޙާބީންނާއި މަޝްވަރާކުރައްވާ، ހެއްދެވިއެވެ. އެހެންކަމުން ޤައުމީ މަސްލަޙަތުތަކާއި، ރަށު ފެންވަރުގައާއި އަދި އަމިއްލަ ގޭތެރެއިންވެސް ކަންކަން ނިންމަންވާނީ މަޝްވަރާގެ ރިވެތި އުސޫލުންކަން މުސްލިމުންނަށް އެބަ ދަސްކޮށްދެއެވެ.
ހަމައެއާއެކު ކެތްތެރިކަމާއި، ﷲއަށް ދުޢާދެންނެވުމުގެ މުހިއްމުކަން މުސްލިމުންނަށް ދަސްވެގެންދިޔައެވެ. ބަދުރުގެ ދުވަހުން އަދުގެ ޒުވާނުން ނަގަންވީ އެންމެ ބޮޑު ފިލާވަޅަކީ، ﷲއަށް އީމާންވުމާއި ﷲއަށް ވަކީލުކުރުމުގެ މުހިއްމުކަމެވެ. ކުރާ ކޮންމެ ކަމެއް ﷲއަށްޓަކައި ކުރުމުގެ މުހިއްމު ފިލާވަޅެވެ. އެގޮތަށްކުރާ ކޮންމެ ކަމެއްގައި ﷲގެ މަދަދު އަންނާނެއެވެ.
Ads by MACL
