ހަނގުރާމަ މުޅިން އާ ހަރުފަތަކަށް؛ އީރާނުގެ އެންމެ ޒަމާނީ މިސައިލްތައް ބޭނުންކުރަން ފަށަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އާ ހަރުފަތަކަށް ގޮސްފައިވާކަން އިޢުލާނުކޮށް، އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ. ތެހެރާނުން ހާމަކުރި ގޮތުގައި އެ ގައުމުގައި ހުރި ބާ މޮޑެލްތަކުގެ މިސައިލްތައް މިހާރު ވަނީ ހުސްވެފައެވެ.
މީގެ ފަހުން ކުރިއަށްދާ އަސްކަރީ ހަރަކާތްތަކުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ހަގީގީ ޓެކްނޮލޮޖީ ދުނިޔެއަށް ފެނިގެންދާނެ ކަމަށް އެ ގައުމުން ބުނެއެވެ. މިގޮތުން، މީގެ ފަހުން ބޭނުންކުރާނީ 'ޚައިބަރު ޝެކަން-4' މާކުގެ މިސައިލްތައް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އީރާނުން ބުނި ގޮތުގައި މި އާ މިސައިލްތައް އަމާޒުކުރެވޭނީ ގަލްފް ސަރަހައްދާއި މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށެވެ. ހާއްސަކޮށް އިސްރާއީލަށާއި އެ ސަރަހައްދުގައި ގާއިމުވެފައިވާ އެމެރިކާގެ އަސްކަރީ ބާރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
"އީރާނާ ދެކޮޅަށް ތެދުވާ ކޮންމެ ގައުމަކަށް، ކުޑަހިނދުކޮޅެއްގެ ތެރޭ އެކަމުގެ ހިތި ނަތީޖާއާއި ކުރިމަތިލާންޖެހޭނެ،" އީރާނުން ބުނެފައިވެއެވެ.
މި ބަޔާނާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަމުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Ads by BML
Ads by MACL
