ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަނީ، ބިންގާ އެޅުން 27 ވިލޭރޭ

ޒިކުރާ މިސްކިތް. ފޮޓޯ؛ ސޯޝަލް މީޑިއާ
ޒިކުރާ މިސްކިތް. ފޮޓޯ؛ ސޯޝަލް މީޑިއާ

މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުން އައި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިމްމާ، މި ރަމަޟާން މަހުގެ 27 ވިލޭރޭ މިސްކިތުގެ ބިންގާ އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

މި މެސެޖުގައި ވަޒީރު ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ މިހާރު ހަމަޖެހިފައި ވާކަމަށެވެ. އަދި މި މިސްކިތް އެޅުމަށްޓަކައި މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅުމަށް އެހީ ދެއްވާ ފަރާތުން އެދިވަޑައިގެންފައިވާތީ އެކަން އެގޮތަށް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިސްކިތް ތަޅާލައި އަމަލީ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުންކަމަށް ވަޒީރު ޝަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރަމަޟާން މަހަށް މުޅިން އަލަށް 15 މިސްކިތް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވި ކުރެއްވުމާ އެއްގޮަށް މި އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް 15 މިސްކިތް ހުޅުވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ސަރުކާރުން ބިނާކުރި މިސްކިތްތަކާއި އަމިއްލަ ފަރާތްތަކުން ބިނާކުރި މިސްކިތްތައް ހިމެނެ އެވެ.

ރޯދަ މަސް ނިމޭއިރަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު ވިއްސަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.