ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލީ ހާލަތު ދައްވެ، މެންޗެސްޓާ ޔުނައިޓެޑުން ސީޒަން ޓިކެޓް އަގު ބޮޑުކުރަން ނިންމައިފި

މާލީ ހާލަތު ދައްވެ، މެންޗެސްޓާ ޔުނައިޓެޑުން ސީޒަން ޓިކެޓް އަގު ބޮޑުކުރަން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް 2026/27 ސީޒަނަށް ސީޒަން ޓިކެޓްގެ އަގު 5 އިންސައްތަ ބޮޑުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމަކީ ކްލަބުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ޓީމާއި ވަސީލަތްތަކަށް އިންވެސްޓްކުރުމަށް ނިންމި ނިންމުމެއް ކަމަށް އެ ކްލަބުން ބުނެއެވެ.

ޔުނައިޓެޑުން ބުނި ގޮތުގައި އަގުތަކަށް ގެނައި މި ބަދަލާއެކު، ބޮޑުމީހެއްގެ އަތުން ކޮންމެ މެޗަކަށް އިތުރުވާނީ ގާތްގަނޑަކަށް 2 ޕައުންޑެވެ. އަދި 16 އަހަރުން ދަށުގެ ކުދިންނަށް މެޗަކަށް އިތުރުވާނީ 1 ޕައުންޑެވެ. މި ބަދަލަކީ އިންފްލޭޝަނާއި އިތުރުވަމުންދާ ހަރަދުތަކާ އެއްވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ކްލަބުން ފާހަގަކުރެއެވެ.

ދަނޑުގެ ބައެއް ސަރަހައްދުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ސަރ ބޮބީ ޗާލްޓަން ސްޓޭންޑުގައި ހުރި ބައެއް އާންމު ސީޓުތައް އެހެން ތަނަކަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ އިތުރު ހޮސްޕިޓާލިޓީ ސީޓުތައް ހަރުކުރުމަށާއި، ޔޫރަޕްގެ މުބާރާތްތަކާ ދިމާކޮށް ޑަގްއައުޓްގެ މަސައްކަތްތައް ކުރުމަށް ގެންނަ ބަދަލެއް ކަމަށް ޔުނައިޓެޑުން ބުނެއެވެ.

މީގެ އިތުރުން، ޔޫރަޕްގެ މެޗުތަކަށް ރަށުން ބޭރަށްދާ ސަޕޯޓަރުން ޓިކެޓް ކަލެކްޓް ކުރަންޖެހޭ އުސޫލު އަލުން އިއާދަކުރުމަށް ޔުނައިޓެޑުން ވަނީ ނިންމާފައެވެ. 2024 ވަނަ އަހަރު މުވައްޒަފުން މަދުކުރުމާ ގުޅިގެން މި އުސޫލު ހުއްޓާލުމުން ސަޕޯޓަރުންގެ ބޮޑު ނުރުހުމެއް ކްލަބަށް އަމާޒުވިއެވެ.

ކުރިން އަމަލުކުރި މި އުސޫލު އަލުން ގެނައުމުން، ޔޫރަޕްގެ މެޗުތަކަށްދާ ސަޕޯޓަރުން މެޗު ކުޅޭ ގައުމަކަށް ގޮސް ކްލަބުގެ މުވައްޒަފުންގެ އަތުން ޓިކެޓް ނަގަން ޖެހޭނެއެވެ. މިއީ މެޗަށް ހާޒިރުނުވެ، ހަމައެކަނި ކްރެޑިޓް އިތުރުކުރުމަށް ޓިކެޓް ގަންނަ ފަރާތްތައް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ކްލަބުން އިތުރަށް ބުނީ ސީޒަން ޓިކެޓް ހޯލްޑަރުންނަށް ކަޕް މެޗުތަކުގެ އަގުތައް ކޮންޓްރޯލް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން އެއްވެސް ކަޕް މެޗެއްގެ އަގު، އެމީހެއްގެ ސީޒަން ޓިކެޓުގެ ޖުމްލަ އަގުގެ 19 ބައިކުޅަ އެއްބަޔަށްވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުން ވަނީ ދީފައެވެ.