ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލަށް އަމާޒުވި އީރާނުގެ ހަމަލާތަކުގެ މަންޒަރިތައް ފެތުރުން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއްނުވި

އިޒްރޭލަށް އަމާޒުވި އީރާނުގެ ހަމަލާތަކުގެ މަންޒަރިތައް ފެތުރުން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއްނުވި

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކުގެ މަންޒަރުތައް އާންމުންނަށް ނުފެންނާނެހެން ހިފެހެއްޓުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ކުރި ހަތަރު ދުވަހުގެ މަސައްކަތް ނާކާމިޔާބުވެ، ހަމަލާތަކުގެ ހަގީގީ މަންޒަރުތައް ސޯޝަލް މީޑިއާގައި ފެތުރެން ފަށައިފިއެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ހަމަލާތަކުގެ ވީޑިއޯ އާއި ފޮޓޯ ހިއްސާކުރުން އާންމުންނަށް މަނާކޮށްފައެވެ.

މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ސެންސަރޝިޕްގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ގުޅިގެން ހަނގުރާމައިގެ މަންޒަރުތައް ހިއްސާކުރާ އެކައުންޓްތައް ސަސްޕެންޑް ކުރި ނަމަވެސް، އެކަން ދާއިމީ ގޮތެއްގައި ދެމެހެއްޓޭ ގޮތް ވަނީ ނުވެފައެވެ.

އީރާނުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް، ހާއްސަކޮށް ތެލް އަވީވަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އެއް ދުވަސް ތެރޭގައި 50 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތް ނަމަވެސް، ފުރާނައަށް ނުރައްކާވެފައިވާ އިސްރާއީލުގެ އާންމު ރައްޔިތުން މިހާރު ދަނީ ހަމަލާތައް އަރާފައިވާ ތަންތަނުގެ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މީގެ ސަބަބުން އިޒްރޭލުގެ ހަގީގީ ހާލަތު މުޅި ދުނިޔެއަށް ހާމަވާން ވަނީ ފަށާފައެވެ.

ނަމަވެސް، މި ހަމަލާތަކުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ހަގީގީ އަދަދު އިސްރާއީލުން ސިއްރުކުރާނެ ކަމަށް ބެލެވެއެވެ. މިއީ ހަނގުރާމައިގެ ވަގުތުތަކުގައި އިސްރާއީލުގެ އިތުރުން އެހެން ގައުމުތަކުންވެސް އާންމުކޮށް އަމަލުކުރާ ގޮތެއްކަން ފާހަގަކުރެވެއެވެ. ހަގީގީ އަދަދުތައް މިހާރު ހާމަކޮށްފައިވާ އަދަދުތަކަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެއެވެ.

މިހާރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގީ ހާލަތުގެ ކުޑަ މިންވަރެއް ފެންނަން އޮތް ނަމަވެސް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ސޯޝަލް ނެޓްވޯކްތަކާ ގުޅިގެން މައުލޫމާތު ފެތުރުން ހުއްޓުވުމުގެ އާ މަސައްކަތްތަކެއް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.