އެއްވެސް ޝަރުތަކާ ނުލައި ހަތިޔާރު ބަހައްޓާ އަމާން ދިނުން ނޫންގޮތެއް އިރާނަކަށް ނެތް: ޓްރަމްޕް
އީރާނުން ޝަރުތަކާ ނުލައި ހަތިޔާރު ބަހައްޓައި އަމާންދިނުން ނޫން އެހެން އެއްވެސް ގޮތެއް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މި މޭރުމުން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި މިވަނީ އިޒްރޭލާއެކު ގުޅިގެން ތެހެރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަފުތާއެއް ފަހުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އަމާންދިނުމަށްފަހު، އެ ގައުމަށް ރަނގަޅު އަދި ބަލައިގަނެވޭނެ ފަދަ ލީޑަރަކު ނުވަތަ ލީޑަރުންތަކެއް އިންތިޚާބު ކުރުމުން، އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން އީރާނު ހަލާކުގެ ތެރެއިން ސަލާމަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އީރާނުގެ އިގްތިސާދު ވަރުގަދަ ކުރުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، އީރާނުގެ އައު ސުޕްރީމް ލީޑަރަކު ހޮވުމުގައި ބައިވެރިވުމުގެ ހައްގު އެމެރިކާއަށް އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިއީ ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާންގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ބަދަލުގައި އައު ލީޑަރަކު އައްޔަންކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅެކެވެ.
ޓްރަމްޕްގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، އީރާނުގެ މުސްތަގުބަލު އުޖާލާވާނެ ކަމަށާއި، އޭނާގެ މަގްސަދަކީ އީރާނަކީ އަލުން ވަރުގަދަ ގައުމަކަށް ހެދުން ކަމަށެވެ. އަދި އީރާނުގެ އިގްތިސާދު ކުރިއަށްވުރެ ބޮޑު އަދި ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވި އެވެ.
Ads by MACL
