ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާ ވޯލްޑް ކަޕުން ބޭރުކުރުމަށް ގޮވާލާ އަޑުތައް ގަދަވަނީ

އީރާނަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާ ވޯލްޑް ކަޕުން ބޭރުކުރުމަށް ގޮވާލާ އަޑުތައް ގަދަވަނީ

އެމެރިކާއާއި އިޒްރޭލު ގުޅިގެން ދާދި ފަހުން އީރާނަށް ދޭންފެށި އަސްކަރީ ހަމަލާތަކާއި ގުޅިގެން، މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން  އެމެރިކާ ސަސްޕެންޑް ކުރުމަށް ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ އަދަދެއްގެ ބަޔަކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގޮވާލަން ފަށައިފިއެވެ.

އިޒްރޭލާއި އެމެރރިކާ އިސްވެ އީރާނަށް ދޭންފެށި މި ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މުބާރާތް ބާއްވާ ގައުމުތަކުގެ ތެރެއިން އެމެރިކާ އުނިކޮށް، މުޅި މުބާރާތް ކެނެޑާއާއި މެކްސިކޯއަށް ބަދަލުކުރުމަށް ބާރުއަޅައި އެކަމަށް ގޮވާލަމުންނެވެ.

މި މައްސަލައިގައި އަޑުއުފުލާ ފަރާތްތަކުން ބުނަމުންދަނީ، ޔޫކްރެއިންއަށް ރަޝިޔާއިން އެރުމާ ގުޅިގެން ފީފާއިން ރަޝިޔާ ސަސްޕެންޑް ކުރި އުސޫލުން، އެމެރިކާއާ މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ފީފާއިން ރަޝިޔާއާ މެދު އަމަލުކުރި ފަދައިން، ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގައި ހަމަހަމަ އުސޫލެއް ގެންގުޅެންޖެހޭނެ، އެމެރިކާ ވެސް ވޯލްޑް ކަޕުން ބޭރުކުރަންޖެހޭ ކަމަށް ގިނަ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

"ޔުކްރޭނަށް ހަމަލާދިނުމުން ރަޝިއާ އެއޮތީ އެކަހެރިކޮށްފަ، އެއްވެސް މުބާރާތެއްގައި ނުކުޅެވޭ، އަދިއަދަށް ދާންދެން ވެސް އެއޮތީ ސަސްޕެންޑް ކޮށްފަ. އެކަމު އިޒްރޭލާއި އެމެރިކާގެ އަނިޔހާވެރިކަން ފީފާއަށް ނުފެނޭ. މިއީ ތަފާތުކުރުމެއް، މިއީ ހިތާމަހުރި ކަމެއް. އިރާނަށް ގަސްތުގައި އެއްވެސް ސަބަބެއް ނެތި ހަމަލާތައްދީ އެތައް ބަޔަކު މަރަމުންގެދާ އިރު، ފީފާ އޮތީ ހަނު. ހަމަ މިހާރުން މިހާރަށް އެމެރިކާ ވޯލްޑް ކަޕުން އެކަހެރިކޮށް ސަސްޕެންޑުކުރުމަށް ގޮވާލަން." ސަޕޯޓަރުން ގޮވާލާފައިވެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ސިޔާސީ ކަންކަމާއި ހަނގުރާމަތަކާ ގުޅިގެން ޒިންމާދާރުވާންޖެހޭނެ ކަމަށް ގަބޫލުކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި މި ބަހުސް ވަރުގަދަކުރަމުންނެވެ. މިކަމުގެ ސަބަބުން ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ބައިބައިވުމެއް ވެސް އުފެދިފައެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ކުޅިވަރާއި ސިޔާސީ ކަންކަން ވަކިކުރަން ޖެހެއެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ގައުމުތަކަށް ކުޅިވަރުގެ މައިދާނުގައި ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި ބަހުސް ހޫނުވަމުންދާއިރު، މިހާތަނަށް ފީފާއިން މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.