ހަނގުރާމައިގައި ރަޝިއާއިން އީރާނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފި
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ހުރި ތަންތަން ހިމެނޭހެން، އަމާޒުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ރަޝިއާއިން އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ތިން އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އީރާނުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމުގައި ރަޝިއާގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓުގައިވާ ގޮތުން، ރަޝިއާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މުޅި ތަފްސީލު ސާފުނުވި ނަމަވެސް، މިދިޔަ ހަފުތާގައި އެމެރިކާ އާއި އިޒްރޭލުން ތެހެރާނަށް ދިން ހަމަލާތަކަށްފަހު، އެމެރިކާގެ ސިފައިން ތިބި ތަންތަން ދެނެގަތުމަށް އީރާނަށް އޮތް ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި ހަނގުރާމަ އިތުރަށް ވަރުގަދަވެ، އީރާނުން ދަނީ ބަދަލުހިފުމުގެ ހަމަލާތައް ދެމުންނެވެ.
ކުވެއިތުގެ ޕޯޓް ޝުއައިބާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން އެމެރިކާގެ ރިޒާވް ހަ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސް އޮފިޝަލުން ވަނީ މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އިތުރު ސިފައިން މަރުވުމުގެ ފުރުސަތު އޮތް ކަމަށް އިންޒާރު ދެއްވާފައެވެ.
Ads by BMLވައިޓް ހައުސްގެ ތަރުޖަމާނު އޭނާ ކެލީ ވިދާޅުވީ، އީރާނުގެ ސަރުކާރު މިހާރު އޮތީ މުޅިން އިނދަޖެހިފައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތައް ދުވަހުން ދުވަހަށް މަދުވަމުންދާ ކަމަށާއި، އެގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކެނޑި، އުފެއްދުންތެރިކަން ވެސް ހަލާކުވަމުންދާ ކަމަށެވެ. ނަމަވެސް ރަޝިއާއިން އީރާނަށް އެހީތެރިވާ ކަމަށް ބުނާ ވާހަކައަށް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ.
ކްރެމްލިން އިން ބުނެފައިވަނީ ރަޝިއާއިން އީރާނުގެ ލީޑަޝިޕާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް ތެހެރާނަށް އަސްކަރީ ގޮތުން އެހީތެރިވަމުންދާ ކަމަށް ބުނާ ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އެކަމުގެ ތަފްސީލެއް ދިނުމަށް ރަޝިއާއިން ވަނީ އިންކާރުކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ރަޝިއާގެ ތެލާއި ގޭހަށް އޮތް ޑިމާންޑް ބޮޑުވެ، އެގައުމުގެ އިގްތިސާދަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.
ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ވެސް ދަނީ ޔޫކްރެއިނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންނެވެ. ވޮޝިންޓަންގައި ހުންނަ ރަޝިއާ އެމްބަސީއާއި އދ. ގައި ހުންނަ ރަޝިއާގެ މިޝަނުން މި މައްސަލައިގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
Ads by MACL
