"ފުރިހަމަ ސިއްޙަތަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭނީ ބަލިވުމުން؛ ޒުވާނުންނާއި ކުޑަކުދިން މި ދެ ނިޢުމަތަށް ސަމާލުވޭ"
މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން "ފުރިހަމަ ސިއްޙަތަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭނީ ބަލިވުމުން ކަމަށާއި އެ ދެ ނިއުމަތަށް ޒުވާނުންނާއި ކުޑަކުދިން ސަމާލުވުމަށް އައްޝައިޚް އަޙްމަދު މައުމޫން އިލްތިމާސްކުރައްވައިފިއެވެ.
ޝައިޚް މިފަދައިން އިލްތިމާސްކުރެއްވީ ކ. ހުރާގައި ބޭއްވި އިޙްޔާ ފޯރަމްގައި "އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ސުވާލުވެވޭނެ" މި މައުޟޫއަށް ތަޤުރީރު ކުރައްވަމުންނެވެ.
ޝައިޚް އަޙްމަދު މައުމޫން ވިދާޅުވީ، އިންސާނުން އާންމުކޮށް ދެ ނިޢުމަތަކާ މެދު އަޅާލުން ކުޑަކޮށްލާފައިވާ ކަމަށެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ.
"ފުރިހަމަ ސިއްޙަތަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭނީ ބަލިވުމުން. ޒުވާނުންނާއި ކުޑަކުދިން މި ދެ ނިޢުމަތަށް ސަމާލުވުމަށް އިލްތިމާސްކުރަން" ޝައިޚް ވިދާޅުވިއެވެ.
ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމުގެ ނަތީޖާއަކީ ގަދަފަދަ އަޒާބު ލިބި، އެ ނިޢުމަތްތައް އަތުން ބީވެގެންދިއުން ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރިވާ މިންވަރަކުން އެ ނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށާއި، ނިޢުމަތެއް ދެއްވުމަށްފަހު އެ ނިޢުމަތް ބީވެދާނެ ފަދަ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
Ads by BMLމުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމާއި، ބަލިވުމުގެ ކުރިން ސިއްޙަތުގެ ފައިދާ ހިފުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝައިޚް ވިދާޅުވީ، އަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ޒުވާން އުމުރުގައި މިސްކިތަށް އަހުލުވެރިވާ މީހުން ހިމެނޭ ކަމަށެވެ. މީގެއިތުރުން، އެއްވެސް ކަމެއްގައި އިސްރާފު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝައިޚް ވަނީ ދުލުން ބޭރުކުރެވޭ ބަސްތަކަށް ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ.
ބަހެއް ބޭރުވުމަށްފަހު އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށް ބުނެ ﷲގެ ދަރުބާރުގައި ސަލާމަތް ނުވެވޭނެ ކަމަށާއި، އެކަލާނގެ ދަރުބާރަށް ހާޒިރުކުރެވޭ ދުވަހަށް ތައްޔާރުވުމަށް ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
Ads by MACL
