ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފަހަރުގެ ވިންޓަރ ޕެރަލިމްޕިކްސްގައި އީރާނުން ބައިވެރިނުވާނެކަން އިއުލާންކޮށްފި

މި މުބާރާތުގައި އީރާނުގެ ފަރާތުން ވާދަކުރާ އުމުރުން 23 އަހަރުގެ ކްރޮސް ކަންޓްރީ ސްކިއަރ އަބުލްފަޒްލް ޚަތީބީ މިއާނާއީ
މި މުބާރާތުގައި އީރާނުގެ ފަރާތުން ވާދަކުރާ އުމުރުން 23 އަހަރުގެ ކްރޮސް ކަންޓްރީ ސްކިއަރ އަބުލްފަޒްލް ޚަތީބީ މިއާނާއީ

އިޓަލީގެ ވެރޯނާގައި ހުކުރު ދުވަހުގެ ރޭ ފެށި ވިންޓަރ ޕެރަލިމްޕިކްސް ގޭމްސްގައި އީރާނުން ބައިވެރިނުވާނެ ކަމަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައި.ޕީ.ސީ) އިން ހާމަކޮށްފިއެވެ.

އައި.ޕީ.ސީ އިން ބުނި ގޮތުގައި މި މުބާރާތުގައި އީރާނުގެ ފަރާތުން ވާދަކުރުމަށް ހަމަޖެހިފައި އޮތް ހަމައެކަނި އެތުލީޓަށް މިފަހަރު ބައިވެރިއެއް ނުވެވޭނެއެވެ.

މި މުބާރާތުގައި އީރާނުގެ ފަރާތުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ކްރޮސް ކަންޓްރީ ސްކިއަރ އަބުލްފަޒްލް ޚަތީބީ މިއާނާއީ އެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، އޭނާއަށް އިޓަލީއަށް ދަތުރުކުރެވޭ ގޮތް ނުވުމުގެ ސަބަބުން މުބާރާތުގައި ބައިވެރިނުވެވޭނެ ކަމަށް އައި.ޕީ.ސީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 23 އަހަރުގެ ޚަތީބީ މިއާނާއީ އަކީ މީގެ ކުރިން ބޭއްވުނު ދެ ވިންޓަރ އޮލިމްޕިކްސްގައިވެސް ވާދަކޮށްފައިވާ ތަޖުރިބާކާރު އެތުލީޓެކެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ވާދަކުރުމަށް ތާވަލުކުރެވިފައި އޮތީ އަންނަ އަންގާރަ ދުވަހު އޮންނަ އިވެންޓެއްގައެވެ.

މި ނިންމުމާއެކު، މިފަހަރުގެ ވިންޓަރ ޕެރަލިމްޕިކްސްގައި އީރާނުގެ އެއްވެސް އެތުލީޓަކު ފެނިގެން ނުދާނެއެވެ. މިއީ އެ ގައުމުގެ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު މާޔޫސްކަމެއްގެ ގޮތުގައި ބެލެވެއެވެ.