ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަތުމުގެ ތެރެއިން
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަތުމުގެ ތެރެއިން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުކުރު ދުވަހުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
މި އިސްލާހަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި މަސްތުވާތަކެއްޗާއި ދެކޮޅަށް ދޭ އަދަބުތައް ހަރުކަށިކުރުމަށް ސަރުކާރުން ހުށަހެޅި މުހިންމު ބަދަލެކެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުގެ ފަރާތުން ލ. ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު އެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވީ އެ މަހުގެ ހަވަނަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން، މިއަށް އަމަލުކުރަން ފަށާނީ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

މި އިސްލާހުގެ ދަށުން ވަކި ޝަރުތުތަކެއް ފުރިހަމަވާ ހާލަތްތަކުގައި މަރުގެ އަދަބު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރަށް ކެނެބިސް އެތެރެކުރުން، ނުވަތަ 250 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން އެތެރެކުރުން ހިމެނެއެވެ. މީގެ އިތުރުން ގާނޫނުގެ ޖަދުވަލު 1 ގައިވާ އެހެން މަސްތުވާއެއްޗެއް 100 ގްރާމަށްވުރެ އިތުރަށް އެތެރެކޮށްފިނަމަވެސް މަރުގެ އަދަބު ދެވޭނެއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަރުގެ އަދަބު ކަނޑައެޅިއްޖެނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކެއް މަތީ މަރުހަލާގެ ކޯޓަކުން ބަލަންވާނެއެވެ. އަދި އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ.

މި ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ސިފައެއްގައި އަދަބު މާފުކޮށްދެވޭނެ ނުވަތަ ލުއިކޮށްދެވޭނެ ކުށްތަކެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވާ މީހުންނަށް 20 އަހަރުގެ ޖަލު ހުކުމަކާއެކު، 75,000 ރުފިޔާއާއި 7.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ވަނީ ހިމަނާފައެވެ.