ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުޅި އީރާނުން އިންޓަނެޓުގެ ޚިދުމަތް މެދުކެނޑިފަ އޮންނަތާ 8 ދުވަސް، މިއީ އެގައުމުން ގަސްދުގައި އަޅާފައިވާ ފިޔަވަޅެއް!

މުޅި އީރާނުން އިންޓަނެޓުގެ ޚިދުމަތް މެދުކެނޑިފަ އޮންނަތާ 8 ދުވަސް، މިއީ އެގައުމުން ގަސްދުގައި އަޅާފައިވާ ފިޔަވަޅެއް!
އިސްރާއީލާއި އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އީރާނުގެ މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ އަށް ދުވަސް ވެއްޖެއެވެ. އިންޓަނެޓްގެ ހިދުމަތް މޮނިޓަރ ކުރާ ނެޓްބްލޮކްސްއިން ހާމަކުރި ގޮތުގައި، ފާއިތުވި 168 ގަޑިއިރު ނުވަތަ ހަތް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން އީރާނުގެ ރައްޔިތުންނަށް ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތެއް ނުލިބެއެވެ.

މި ބްލެކްއައުޓަކީ އީރާނުގެ ކަމާބެހޭ ފަރާތްތަކުން ގަސްދުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ބޭނުމަކީ މައުލޫމާތު ފެތުރުން ހަމައެކަނި ދައުލަތުގެ މީޑިއާތަކާއި ސަރުކާރުން ކޮންޓްރޯލްކުރާ މެސެޖިންގ ހިދުމަތްތަކަށް ހަނިކުރުމެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ބޭރު ދުނިޔެއާ މުއާމަލާތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ނެޓްބްލޮކްސްއިން ބުނާ ގޮތުގައި، ހަމަލާތަކަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިންޓަނެޓްގެ ހިދުމަތް ވަނީ ކުރިން ހުރި މިންވަރަށްވުރެ 1 އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ. އަދި މިއަދާ ހަމައަށްވެސް އިންޓަނެޓްގެ ހާލަތު ހުރީ އެ ފެންވަރުގައެވެ. މިއީ ކުރިންވެސް އީރާނުގައި އިންޓަނެޓް ހިދުމަތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތް ދަނޑިވަޅެއްގައި ދިމާވި ކަމެކެވެ.

މި ބްލެކްއައުޓްގެ ތެރޭގައިވެސް ސަރުކާރުގެ އިސް އޮފިޝަލުންނާއި ދައުލަތުގެ މީޑިއާތަކަށް އިންޓަނެޓްގެ ހިދުމަތް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި މައުލޫމާތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.

އީރާނުގެ އިންޓަނެޓް ކަނެކްޓިވިޓީ އެއްކޮށް ދަށަށް ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު ތެހެރާންގެ މެދުތެރޭގެ ސަރަހައްދުތަކަށް ބޮން އެޅިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައެވެ. އެ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި އަދި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަވެފައެވެ.