ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން އަވަށްޓެރި ގައުމުތަކަށް މިއަދުން ފެށިގެން އެއްވެސް ހަމަލާ ނުދޭނެ: ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އީރާނުގެ އަސްކަރިއްޔާއިން އަވަށްޓެރި ގައުމުތަކަށް ދެން ހަމަލާ ނުދޭނެ ކަމަށާއި، އެ ގައުމުތަކާ އެކު އޮތް ގުޅުން ހަރުދަނާ ކުރައްވާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިންނެވެ.

މި މައުޟޫއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވަނީ މީގެ ކުރިން އީރާނުން ހަމަލާދީފައިވާ އަވަށްޓެރި ގައުމުތަކުގެ ކިބައިން އީރާނުގެ ނަމުގައި މައާފަށް އެދިވަޑައިގެންފައެވެ.

"އީރާނުގެ ފަރާތުން ހަމަލާދެވުނު އަވަށްޓެރި ގައުމުތަކުގެ ކިބައިން އަޅުގަނޑު މައާފަށް އެދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އީރާނުގެ އެއްވެސް އަވަށްޓެރި ގައުމަކަށް އަރައިގަތުމުގެ ނިޔަތެއް އެ ގައުމުގެ ނެތް ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކަކީ އީރާނުގެ އަޚުންގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވަމުން، އެ ގައުމުތަކަށް މިސައިލް ހަމަލާ ދިނުން ހުއްޓާލުމަށް އީރާނުގެ ހަތިޔާރު އެޅި ސިފަައިންނަށް މިހާރު އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު މިވަގުތުން ފެށިގެން، އަވަށްޓެރި ގައުމުތަކަށް ހަމަލާދީ ނުވަތަ މިސައިލް ފޮނުވައި ނިމުނީ. އެ ގައުމުތަކުން އަޅުގަނޑުމެންނަށް ހަމަލާދޭން މަސައްކަތް ނުކުރާހާ ހިނދަކު، މިފަދަ ކަންކަން ހައްލުކުރަން ޖެހޭނީ ޑިޕްލޮމެސީގެ ތެރެއިން ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

މި ބަޔާނަކީ އީރާނުގެ ޚާރިޖީ ސިޔާސަތަށް އަންނަމުންދާ ބަދަލެއްގެ ގޮތުގައި ބެލެވޭއިރު، މީގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް ހަމަޖެހުން އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ. ރައީސްގެ ވާހަކަފުޅުގައި ބާރުއެޅުއްވީ ކުރިމަތިވާ މައްސަލަތައް ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން ހައްލުކުރުމަށެވެ.