ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރަމްޕްގެ އިންޒާރެއް އީރާނަށް: ކަލޭމެންނަށް ވަރުގަދަ ހަމަލާތަކެއް ދީ މުޅި ގައުމު ސުންނާފަތި ކޮށްލާނަން

ޓްރަމްޕްގެ އިންޒާރެއް އީރާނަށް: ކަލޭމެންނަށް ވަރުގަދަ ހަމަލާތަކެއް ދީ މުޅި ގައުމު ސުންނާފަތި ކޮށްލާނަން

އެމެރިކާއިން އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދޭނެ ކަމަށާއި، ހަމަލާދޭ އަމާޒުތަކުގެ ތެރެއަށް އާ ތަންތަން އިތުރުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ދެއްވައިފިއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވާނޭ ކަމަށެވެ. އަދި އީރާނުގެ ނުބައި އަމަލުތަކުގެ ސަބަބުން، މިހާތަނަށް ހަމަލާދިނުމަށް ކަނޑައަޅާފައި ނުވާ ސަރަހައްދުތަކާއި މީހުންގެ ގުރޫޕުތަކަށް އަމާޒުކޮށް، އެ ތަންތަން އެއްކޮށް ސުންނާފަތިކޮށްލުމަށް ސީރިއަސްކޮށް ވިސްނަމުންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. ޕެޒެޝްކިއަން ހޮނިހިރު ދުވަހު ވިދާޅުވީ އީރާނުން ދުވަހަކުވެސް އިޒްރޭލާއި އެމެރިކާގެ ކުރިމަތީގައި ބޯ ގުދުކޮށް، ކުޑަކަކޫމައްޗަށް ތިރި ނުވާނޭ ކަމަށެވެ. ނަމަވެސް އީރާނުން ދިން ހަމަލާތަކާ ގުޅިގެން އަވަށްޓެރި ގަލްފުގެ ގައުމުތަކުގެ ކިބައިން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

އީރާނުގެ ރައީސްގެ މައާފަށް އެދުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އީރާނުން އަވަށްޓެރިންގެ ކިބައިން މައާފަށް އެދި، ދެން ހަމަލާ ނުދޭނެ ކަމަށް ވައުދުވީ އެމެރިކާ އާއި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ބިރުން ކަމަށެވެ.

"އީރާނަކީ މިހާރު މެދުއިރުމަތީގެ އެއްވެސް ގައުމަކުން ބިރުގަންނަ ގައުމެއް ނޫން، އެއީ މިހާރު 'މެދުއިރުމަތީގެ ބަލިކަށި ގައުމެއް." ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ކެމްޕޭން ފަށާފައިވަނީ ފެބްރުއަރީ 28 ގައެވެ. އޭގެ ފަހުން އީރާނުން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިޒްރޭލަށާއި ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދީފައެވެ. ޕެޒެޝްކިއަން ވިދާޅުވީ އަވަށްޓެރި ގައުމުތަކުން އީރާނަށް ހަމަލާއެއް ނާންނަހާ ހިނދަކު އެ ގައުމުތަކަށް އީރާނުން ހަމަލާ ނުދޭނެ ކަމަށެވެ.

ޓްރަމްޕްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، އީރާނުން އަމާންދެންދެން ނުވަތަ އެ ގައުމުގެ ވެރިކަން އެއްކޮށް ރޫޅިގެންދަންދެން ހަނގުރާމަ ކުރާނެ ކަމަށާއި ކުރިއަށް އޮތް އެތައް އަހަރަކަށް އީރާނު އޮންނާނީ ބަލިކަށި ގަުމެއްގެ ގޮތުގައި ހަދާލާނެ ކަމަށެވެ.