ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރޮނާލްޑޯއަށް ލިބުނު އަނިޔާ ސީރިއަސްވެ، ވޯލްޑް ކަޕްގައި ނުކުޅެވިދާނެ ކަމުގެ ބިރުހީވެއްޖެ

ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި، އަލް ނަސްރުގެ ފޯވާޑަށް ކުރިމަތިވި މި އަނިޔާއަކީ ކުރިން ހީކުރި ވަރަށް ވުރެ ސީރިއަސް އަނިޔާއެއް ކަމަށް މިހާރު ވަނީ ހާމަވެފައެވެ.

އަލް ނަސްރުގެ ކަންބޮޑުވުން: އަނިޔާގެ ތަފްސީލް


ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރުން އަލް ފައިހާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފައިގެ ފަހަތު މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. މިކަމާ ގުޅިގެން ޓީމުގެ ކޯޗު ޖޯޖް ޖީސަސް ބުނީ، "ކްރިސްޓިއާނޯގެ އަނިޔާ ފުރަތަމަ ހީކުރި ވަރަށް ވުރެ އަނީޔާ ސީރިއަސް" ކަމަށެވެ. މި އަނިޔާއަށް ފަރުވާ ހޯދުމަށް ރޮނާލްޑޯ މިހާރު ވަނީ ސްޕެއިންގެ މެޑްރިޑަށް ދަތުރުކޮށްފަ އެވެ.

މެޑްރިޑުގައި ހާއްސަ ފަރުވާ


ކޯޗު ޖީސަސް ހާމަކުރި ގޮތުގައި، ރޮނާލްޑޯ މެޑްރިޑަށް ދިޔައީ އޭނާގެ އަމިއްލަ ތެރަޕިސްޓެއްގެ ބެލުމުގެ ދަށުން ހާއްސަ ފަރުވާތަކެއް ހޯދުމަށެވެ.
 "އޭނާ ސްޕެއިނަށް ދާނީ އަމިއްލަ ތެރަޕިސްޓެއްގެ އެހީގައި ފަރުވާ ހޯދަން. މިއީ މަތީ ފަންތީގެ ކުޅުންތެރިން އާންމުކޮށް ކުރާ ކަމެއް. އަހަރެމެން އުންމީދު ކުރަނީ އޭނާ އަވަހަށް އެނބުރި އައިސް ޓީމަށް އެހީތެރިވާނެ ކަމަށް،" ކޯޗު ބުންޏެވެ.

ރޮނާލްޑޯގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް އަވަހަށް ކުޅުމަށް އެނބުރި އައިސް، އޭނާގެ ކެރިއަރުގެ 1,000 ވަނަ ލަނޑުގެ ލަނޑުދަނޑި ހާސިލްކުރުމެވެ.

މެޑިކަލް ރިޕޯޓާއި ކުރިއަށް އޮތް މެޗުތައް


އަލް ނަސްރުން ނެރުނު ރަސްމީ މެޑިކަލް ރިޕޯޓުގައި ބުނެފައިވަނީ ރޮނާލްޑޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ޔަގީންކުރެވިފައިވާ ކަމަށާއި، އޭނާ މިހާރު ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތު ކޮންމެ ދުވަހަކު ބަލަމުންދާނެ ކަމަށްވެސް ކްލަބުން ބުނެއެވެ. މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ނިއޯމް މެޗުގައި ރޮނާލްޑޯ ނުކުޅޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

2026 ގެ ވޯލްޑް ކަޕަށް އޮތް ބިރު


މި އަނިޔާއާއެކު އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ މެދުގައެވެ. ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ކުޑަބޮޑު މިނަށް ބަލާއިރު، އާދައިގެ އަނިޔާއެއް ނަމަ ރަނގަޅުވާން ތިން ހަފްތާ ނަގާނެއެވެ. ނަމަވެސް ދެވަނަ ދަރަޖައިގެ އަނިޔާއެއް ނަމަ ރަނގަޅުވާން ދެ މަސް ދުވަހުގެ މުއްދަތެއް ބޭނުންވާއިރު، ބޮޑު އަނިޔާއެއް، މަސްގަނޑު އިރައިގެން ދިއުމެއް ކަހަލަ ކަމެއް ނަމަ ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެއެވެ.

ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ރޮނާލްޑޯގެ ފިޓްނަސްއާ މެދު ޕޯޗުގަލްގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.