ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރަމްޕް ކެނޑީ ހުސް ފޮނި؛ އެމެރިކާގައި ހަތިޔާރެއް ނެތް، މިހާރު ހުރި ހަތިރާޔުން އީރާނަށް ހަމަލަދެވޭނީ އެންމެ 10 ދުވަހު

ޓްރަމްޕް ކެނޑީ ހުސް ފޮނި؛ އެމެރިކާގައި ހަތިޔާރެއް ނެތް، މިހާރު ހުރި ހަތިރާޔުން އީރާނަށް ހަމަލަދެވޭނީ އެންމެ 10 ދުވަހު

އީރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތައް 10 ދުވަހަށް ވުރެ އިތުރަށް ކުރިއަށްދާނަމަ، އެމެރިކާގެ އަސްކަރިައްޔާއިންްް އިރާނަށް ހަމަލަދިނުމަށް ބޭނުންކުރާ މުހިންމު މިސައިލްތަކުގެ ސްޓޮކް ހުސްވެދާނެ ކަމުގެ ބިރު ވީވެފައިވާ ކަމަށް ޕެންޓަގަން އިން ލީކުވެފައިވާ ރިޕޯޓުތަކަކުން ހާމަވެއްޖެ އެވެ.

އެމެރިކާއިން މެދު ނުކެނޑި އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، ހަތިޔާރު ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަން ހާމަވެފައިވަނީ ޕެންޓަގަންގެ ބައެއް ލިޔެކިޔުންތަކާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ވޮޝިންޓަނާއި ތެހެރާނާ ދެމެދު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

ޕެންޓަގަންގެ އިސް އޮފިޝަލުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވާފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ދިގުދެމިގެންދާ އަސްކަރީ ކެމްޕޭނެއް ހިންގުމަކީ ނުރައްކާތެރި ކަމެކެވެ. މީގެ ތެރޭގައި ހަތިޔާރުގެ ސްޓޮކް މަދުވުމާއި، އެ ތަކެތި އަލުން ހޯދުމަށް ހިނގާނެ ބޮޑު ހަރަދު ހިމެނެއެވެ.

އެހެން ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ އަތުގައި ބޭނުންވަރަކަށް ހަތިޔާރު އެބަހުރި ކަމަށް ވިދާޅުވެފައެވެ.

"އެމެރިކާގެ ހަތިޔާރުގެ ސްޓޮކް މީގެ ކުރިން ދުވަހަކުވެސް މަތިނުވާ މިންވަރަށް މިހާރު އެބަހުރި. އަހަރެމެންގެ އަތުގައި ހުރި ހަތިޔާރުން މުޅި އުމުރަށް ވެސް ހަނގުރާމަ ކުރެވިދާނެ،"

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ އޮޕަރޭޝަންގައި 20 އަށް ވުރެ ގިނަ ހަތިޔާރުގެ ވައްތަރުތައް  ދަނީ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި B-1 އަދި B-2 ސްޓެލްތު ބޮން އަޅާ ބޯޓުތަކާއި، F-35 އަދި F-22 ފަދަ ޒަމާނީ ފައިޓަރ ޖެޓްތައް ހިމެނެއެވެ. މީގެ އިތުރުން 'ޓޮމަހޯކް' ކްރޫޒް މިސައިލާއި، 'ރީޕާ' ޑްރޯން އަދި 'ޕެޓްރިއަޓް' ފަދަ ވައިގެ ދިފާއީ ނިޒާމުތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

މި ހަމަލާތައް ފެށުނުއިރު އެމެރިކާގެ ދެ މަނަވަރު ކަމަށްވާ ޔޫއެސްއެސް އަބްރަހަމް ލިންކަން އަދި ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް މެދުއިރުމަތީގައި އޮތެވެ. އެހެންނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަތަރު ފަސް ހަފުތާއަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، ހާއްސަކޮށް ދިފާއީ މިސައިލްތައް ހުސްވުމުގެ ބިރު އެބައޮތެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ވަނީ އީރާނުގެ ރައްދު ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންވާ މުހިންމު ހަތިޔާރު މަދުވުމަކީ ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ޓްރަމްޕަށް ވިދާޅުވެފައެވެ.