އައްޑޫ ރައްޔިތުންނަށް އުފާވެރިކަން: ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލު ލިބޭނެ
އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ބޭއްވި "ދަ ގްރޭޓަރ އައްޑޫ އިވެންޓް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ދައުރެއް ނިމިގެންދިޔައިރު ވެސް ހައްލެއް ލިބިފައިނުވާ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ފަށާފައިވާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހަށް އެއްކޮށް ނިމިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި މަޝްރޫޢު ނިމުމުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 48 މަޝްރޫޢު، މިހާރު ވެސް ކުރިއަށް އެބަގެންދާ ކަމަށާއި ބައެއް މަޝްރޫޢުތައް އަމަލީ ގޮތުން ފެށި، އަނެއްބައި މަޝްރޫޢުތައް އިދާރީ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް 18 މަޝްރޫޢެއް ހިމެނިފައި އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"48 މަޝްރޫޢު، ކުރިއަށް އެބަގެންދަން. ބައެއް މަޝްރޫޢުތައް އަމަލީ ގޮތުން ފެށި، އަނެއްބައި މަޝްރޫޢުތައް އިދާރީ މަސައްކަތް ދަނީ ކުރަމުން. މިއަހަރުގެ ބަޖެޓުގައިވެސް 18 މަޝްރޫޢެއް އެބައޮތް."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކަރަންޓުގެ އިތުރުން އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތަށް ވެސް ސަރުކާރުން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނާއި މީހުން ހޯދުމުގެ މަސައްކަތް އާރްޑީސީން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
Ads by MACL
