މުޅި ރާއްޖެ ހިމެނޭހެން ފުލުހުންގެ "ވޯކް އެންޑް ޓޯކް" ހަރަކާތް ކުރިޔަށް ގެންގޮސްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި ފުލުހުންގެ "ވޯކް އެންޑް ޓޯކް" ހަރަކާތް ކުރިއަށްގެންގޮސްފި އެވެ.
މި ހަރަކާތް ކުރިޔަށް ގެންދިޔައީ ރާއްޖޭގެ ފުލުހުންގެ މަރުކަޒުތައް ހުންނަ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއްވަގިތެއްގަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކޮށް މަޝްވަރާކުރުމަށް ހިންގި މި "ވޯކް އެންޑް ޓޯކް" ހަރަކާތް ވަރަށް ކާމިޔާބުކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާކަމަށް ފުލުހުން ފާހަގަކުރި އެވެ.
Ads by BMLމާލޭ ސަރަޙައްދުގައި މި ހަރަކާތް ކުރިއަށްދިޔަ ވަގުތު މި ހަރަކާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު ފުލުހުން ވަނީ މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު ޝިފާން ވިދާޅުވީ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތުގައި ތިބި ހުރިހާ ފުލުހުންވެސް ބައިވެރިވެފައިވާކަމަށެވެ. އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ޝިފާން ވިދާޅުވިއެވެ."މި ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވިން އަދި މީގެ އިތުރަށް އެ ސަރަޙައްދެއްގައި، އެ ރަށެއްގައި ނުވަތަ ފުލުހުން އެ ޚިދުމަތްކުރާ ރަށެއްގައި، އަތޮޅެއްގައި އަޅުގަނޑުމެން ރަނގަޅުކުރަން ހުރި ކަންކަން ވަކިން ޚާއްސަކޮށް އަހައި، އަދި އަޅުގަނޑުމެން ވެސް ރިކޯޑްކުރާނެ ވަކި މެކޭނިޒަމެއް ބޭނުންކޮށްގެން އެކަންކަން އަޅުގަނޑުމެން ހޯދުމަށްފަހު، ދުރު މުސްތަޤުބަލުގައިވެސް ހައްލުކުރަން ހުރި ކަންކަމާގުޅޭގޮތުން އަޅުގަނޑުމެން މަސައްކަތްކުރާނަން."
ޝިފާން ވިދާޅުވިއެވެ.
މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުން ވަނީ ގޭގެއަށް ޒިޔާރަތްކޮށް އަދި މަގުމަތިން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ފުލުހުން ވަނީ މާލޭ ސަރަހައްދުގައިވެސް މިހަރަކާތް ކުރިއަށްގެންގޮސްފައެވެ. މިހަރަކާތުގެ ސަބަބުން ފުލުހުން ހިންގާ އޮޕަރޭޝަން ތަކާއި ތަހުގީގުތަކަށް ގިނަގުނަ ފައިދާތަކެއް ވާނެ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
