އެމެރިކާ އާއި އިޒްރޭލުން އިރާނުގެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީ ގޮއްވާލައިފި
އެމެރިކާ އާއި އިޒްރޭލުން އިރާނުގެ ވެރިރަށް ތެހެރާންގައި ހުރި ތެޔޮ ރައްކާކުރާ ގުދަންތަކާއި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ މިފަދަ މަރުކަޒުތަކަށް އަމާޒުކޮށް މި ފަހަރުގެ ހަނގުރާމައިގައި ހަމަލާދިން ފުރަތަމަ ފަހަރެވެ.
މި ހަމަލާތަކާ ގުޅިގެން ތެހެރާންގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތައް އުފެދި، މުޅި ސިޓީގެ އުޑުމަތި ދުމުން ބައްދާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުން "ޝަރުތެއް ނެތި އަމާންދިނުމަށް" އަނެއްކާވެސް ގޮވާލައްވާފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަމަލާއާ ގުޅޭގޮތުން ރިޕޯޓްކުރި ނަމަވެސް، ލިބުނު ގެއްލުމުގެ ތަފްސީލެއް ނުވަތަ މަރުވި މީހުންގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އިސްރާއީލުގެ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް "ޚައިބަރު ޝެކަން" މިސައިލްތަކުން ހަމަލާދީފައެވެ.
މީގެ އިތުރުން، ބަހްރޭންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ ކޮމާންޑް ޔުނިޓަށާއި އަސްކަރީ ސަޕޯޓް ސެލްޓަރުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނެފައިވެއެވެ.
އައި.އާރު.ޖީ.ސީ އިން މިއަދު ވަނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 25 ވަނަ އަދި 26 ވަނަ ބުރުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ. މި ހަމަލާތަކުގައި އާ ޖީލުގެ ވޯހެޑްތައް ހިމެނޭ "އިމާދު" އަދި "ޤަދަރު" މިސައިލް ސިސްޓަމްތައް ބޭނުންކޮށްފައިވާ ކަމަށާއި، އިސްރާއީލުގެ އުތުރާއި ދެކުނުގެ ކަނޑައެޅިފައިވާ އަމާޒުތަކަށް ހަމަލާ އަރާފައިވާ ކަމަށް އީރާނުން ކަށަވަރުކޮށްދެއެވެ.
ހަމައެއާއެކު، ޔޫއޭއީ އާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ޔޫއޭއީގެ އަލް-މިންހާދު އެއާ ބޭސް އާއި ކުވެއިތުގެ އަލް-އުދައިރީ ކޭމްޕް ސަރަހައްދު ހިމެނެއެވެ. އަދި އިސްރާއީލުގެ ސްޓްރެޓީޖިކް އަސްކަރީ މަރުކަޒެއް ކަމަށްވާ ސޮދޮތް މިޗާގެ ރާޑަރު ސިސްޓަމްތަކަށް ވެސް ޑްރޯން ހަމަލާތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by MACL
